ސައުދީ ލީގުގައި ރޭ އަލް ވަހްދާ ދެކޮޅަށް ކްރިސްޓިއާނޯ ރޮނާލްޑޯ ޖެހި ހަތަރު ގޯލުން އަލް ނަސްރު 4-0 އިން މޮޅުވިއިރު، ރޮނާލްޑޯ ކެރިއަރުގައި 500 ލީގު ގޯލު ހަމަކޮށްފި އެވެ.
ރޮނާލްޑޯ ،38، ރޭގެ މެޗުގައި ޖެހި ހަތަރު ގޯލާއެކު އޭނާ ކުޅުނު ލީގު މެޗުތަކުގައި 503 ލީގު ގޯލު ވަނީ ޖަހާފަ އެވެ. އެއީ ތަފާތު ފަސް ގައުމެއްގެ ފަސް ލީގުގަ އެވެ. އެގޮތުން ސްޕޯޓިން ލިޒްބަން އަށް ތިން ގޯލާއި ރެއާލް މެޑްރިޑަށް 311 ގޯލާއި މެންޗެސްޓާ ޔުނައިޓެޑަށް 103 ގޯލާއި އިޓާލިއަން ލީގުގައި ޔުވެންޓަސް އަށް 81 ގޯލުގެ އިތުރުން ސައުދީ ޕްރޮފެޝަނަލް ލީގުގައި އަލް ނަސްރަށް ފަސް ގޯލެވެ.
ރޭގެ މެޗުގައި ރޮނާލްޑޯ ކާމިޔާބުކުރި ފުރަތަމަ ދެ ގޯލު ކާމިޔާބު ކުރީ ފުރަތަމަ ހާފްގަ އެވެ. ރޮނާލްޑޯ ހެޓްރިކް ފުރިހަމަ ކުރީ މެޗުގެ 53 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުންނެވެ. ރޮނާލްޑޯ ހަތަރުވަނަ ގޯލު ކާމިޔާބު ކުރީ މެޗުގެ 61 ވަނަ މިނެޓްގަ އެވެ.
ރޭގެ މޮޅާއެކު އަލް ނަސްރު ސައުދީ ޕްރޯ ލީގުގެ އެއްވަނައިގައި އޮތީ ދެ ވަނައިގައި އޮތް އަލް ޝަބާބާ އެއްވަރަށް 37 ޕޮއިންޓް ހޯދައިގެންނެވެ. ލީގުގެ އެއް ވަނައިގައި އަލް ނަސްރު އޮތީ 16 މެޗު ކުޅެގެންނެވެ. އަލް ޝަބާބް ވަނީ 17 މެޗު ކުޅެފަ އެވެ.