ސަލްމާން ޚާންގެ ފިލްމެއްގައި ހިމެނުނު މަޝްހޫރު ލަވައެއްގެ އާ ވާޝަނެއް ޒުވާން އެކްޓަރު ކާތިކް އާރިއަންގެ ފިލްމެއްގައި ހިމަނައި، އެ ދައްކާލައިފި އެވެ.
މި ލަވަ އަކީ މި މަހުގެ 17 ގައި ރިލީޒްކުރަން ހަމަޖެހިފައިވާ "ޝެހެޒާދާ" ގައި ހިމެނޭ "ކެރެކްޓަރު ދީލާ 2.0" އެވެ. ކާތިކާ އެކީ ގިނަ އަދަދެއްގެ ބެކް ޑާންސަރުންގެ ނެށުންތަކެއް ފެނިގެންދާ މި ލަވައިގެ އޮރިޖިނަލް ވާޝަނަކީ ސަލްމާންގެ 2011 ގެ ފިލްމު "ރެޑީ" ގެ ލަވައެކެވެ.
މިދިޔަ އަހަރު ރިލީޒްކުރި ކާތިކް" ގެ "ބޫލް ބުލައްޔާ 2" ގެ ޑައިރެކްޓަރު އަނީސް ބަޒްމީ ހެދި އެ ފިލްމުގައި ހިމެނޭ "ކެރެކްޓަރު ދީލާ" ލަވަ އަކީ ޕްރިތަމްގެ މިއުޒިކަށް ނީރަޖް ޝްރީދާރާއި އަމްރިތާ ކަކް ކިޔާފައި ލަވައެކެވެ. އެ ލަވައިން ސަލްމާނާ އެކީ "ރެޑީ" ގެ ހާއްސަ ފެނިލުމަކުން ޒަރީން ޚާން ވެސް ފެނިފައިވެ އެވެ.
ކާތިކްގެ "ކެރެކްޓަރު ދީލާ 2.0" ކިޔާފައި ވަނީ އޮރިޖިނަލް ލަވަ ވެސް ކިޔުނު ޝްރީދާރުގެ އިތުރުން ސްޓައިލް ބާއީ އެވެ. މި ލަވަ ސަލްމާނަށް ޓްރިބިއުޓެއްގެ ގޮތުގައި "ޝެހެޒާދާ" ގައި ހިމެނި އިރު، އެ ފިލްމުގެ ޑައިރެކްޓަރަކީ އެކްޓަރު ވަރޫން ދަވަންގެ ބޭބެ ރޯހިތު ދަވަނެވެ.
މި އަހަރުގެ އެންމެ އުންމީދީ ފިލްމުތަކުގެ ތެރޭގައި ހިމެނޭ "ޝެހެޒާދާ" ގެ ބަތަލާ އަކީ ކްރިތީ ސެނަން އެވެ. މި ފިލްމަކީ ތެލެގޫ އެކްޓަރު އައްލޫ އަރުޖުންގެ 2020 ގެ ފިލްމު "އާލާ ވައިކުންތަޕުއްރަމުލޫ" ގެ ރިމޭކެކެވެ.