Last Updated: June 23, 20:16
Tuesday, June 23, 2026
ޚަބަރު

އަސްލަމް އައްޑު އަށް ބަދަލުވާތީ މަރުހަބާ ވިދާޅުވެއްޖެ

އައްޑޫގައި ޕްލޭނިންގެ މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ މަސައްކަތްތައް ދާ ގޮތް ބައްލަވާލައްވަން މިނިސްޓަރު މުހައްމަދު އަސްލަމް ދުވަސްކޮޅެއް ވަންދެން އައްޑޫގައި ހުންނަވާ ގޮތަށް ނިންމެވުމާ ގުޅިގެން އައްޑޫ މީދާ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް (ރޮޒޭ) އެކަމަށް މަރުހަބާ ވިދާޅުވެއްޖެ އެވެ.

އޭނަ ކުރެއްވި ޓްވީޓްތަކެއްގައި ވިދާޅުވީ މިކަމުން ދައްކުވައި ދޭނީ މި ޒަމާނުގައި މާލެ ނޫން ތަނެއްގައި ހުރެގެން ވެސް މިނިސްޓްރީއެއް ހިންގިދާނެކަން ކަމަށެވެ.

"އަދި އަޅުގަނޑު ދެކެނީ މިއީ ރަނގަޅު މިސާލެއް ފެނިގެން ދާނެ މުސްތަގުބަލަށް އެޅޭ ވަރަށް މުހިއްމު ފިޔަވަޅެއް ކަމަށް." ރޮޒޭ ވިދާޅުވި އެވެ.

އަސްލަމް އައްޑު އަށް ދުވަސްކޮޅަކަށް ބަދަލުވެވަޑައިގަންނަވާކަން މިދިޔަ ބުދަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވިދާޅުވުމުން ހަމަ އެ ދުވަހު މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ގެންގުޅުއްވާ ނުރަސްމީ ޓްވިޓާ އެކައުންޓަކުން މާލޭން އައްޑު އަށް އަތޮޅުވެރިޔަކު ފޮނުވަތީތޯ ސުވާލު ކުރައްވައި، ފާޑު ވިދާޅުވެފައިވެ އެވެ.

ނަޝީދުގެ އެ ވާހަކަ އަށް ރައްދު ދެއްވައި ރޮޒޭ ވަނީ މިކަން މުޑުދާރު ކަމަކަށް ހަދަން އުޅެނީ މާލެ ނޫން ތަނެއްގައި މިނިސްޓްރީއެއް ހިންގާ ތަން ދެކެން ބިރުންތޯ ސުވާލުކުރައްވައިފަ އެވެ.

"މިކަން މުޑުދާރު ކަމަކަށް ހަދަން މި އުޅެނީ މާލެ ނޫން ތާކު މިނިސްޓްރީއެއް ހިންގާ ތަން ދެކެން ބޭނުން ނުވާތީ އެތަން ފެނިދާނެތީ ބިރުންތޯ؟" އޭނާ ވިދާޅުވި އެވެ.

އަސްލަމް އައްޑު އަށް ވަޑައިގަންނަވަން ހަމަޖެހިފައި ވަނީ މާދަމާ އެވެ. އެކަމަކު އައްޑޫގައި ހުންނަވާނީ ކިހާ ދުވަހަކަށް ކަމެއް ވިދާޅެއް ނުވެ އެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި ދުވަސްކޮޅަކަށް އައްޑު އަށް ބަދަލުވެވަޑައިގަންނަވަނީ އައްޑޫގެ ހެދުމުގެ މަޝްރޫއުގެ ތެރެއިން ދިމާވާ ކަންކަން ބައްލަވައި ހައްލުކުރެއްވުމަށްޓަކަ އެވެ.

މަސައްކަތްތައް ބައްލަވައި ދިމާވާ މައްސަލަތައް ހައްލުކޮށް އަވަސްކުރުމުގެ ގޮތުން އަސްލަމް ދުވަސްކޮޅަކަށް އައްޑު އަށް ބަދަލުވާ އިރު، މިހާރު ވެސް ޕްލޭނިން މިނިސްޓަރުގެ ތިން ވެރިއަކު އައްޑޫގައި ތިއްބަވަ އެވެ. އެއީ ސްޓޭޓް މިނިސްޓަރަކަށް ހުނެވި އައްޑޫގެ ކުރީގެ މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) އާއި ޑެޕިއުޓީ މިނިސްޓަރަކަށް ހުންނެވި ކުރީގެ ޑެޕިއުޓީ މޭޔަރު މުހައްމަދު ޔަސްރިފުގެ އިތުރުން އެގްޒެކެޓިވް ޑިރެކްޓަރެއްގެ މަގާމުގައި ހުންނެވި އިބްރާހީމް ޝިޔާޒެވެ.