Last Updated: July 27, 12:02
Monday, July 27, 2026
މުނިފޫހިފިލުވުން

ކިއާރާ އާއި ސިދާތަށް ތިން ފިލްމުގެ ޑީލެއް

މިދިޔަ އަންގާރަ ދުވަހު ކައިވެނިކުރި ބޮލީވުޑްގެ ދެ ތަރިން ކަމަށްވާ ސިދާތު މަލްއުތުރާ އާއި ކިއާރާ އަދުވާނީ އެކީގައި ކުޅެން ތިން ފިލްމަކަށް ސޮއިކޮށްފައިވާ ކަމށް ރިޕޯޓްތައް ބުނެފި އެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ބުނީ އެ ދެ ތަރިން ސޮއިކުރީ އެ މީހުންގެ މެންޓޯ، ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަންގެ ތިން ފިލްމަކަށް ކަމަށާއި އޭގެ ތެރެއިން ފުރަތަމަ ފިލްމުގެ މަސައްކަތް މި އަހަރުގެ ތެރޭގައި ފަށާނެ ކަމަށެވެ. އެކަމަކު މީގެ ތެދުދޮގެއް އަދި ކަރަން ކަށަވަރެއް ނުކޮށްދެ އެވެެ.

ބޮލީވުޑް ލައިފުން ބުނި ގޮތުގައި ކަރަން ޕްރޮޑިއުސްކޮށް 2021 ގައި ގެނެސްދިން "ޝޭރުޝާ" ގެ ލީޑް ރޯލު ކުޅުނު ސިދާތާއި ކިއާރާ އެކީގައި ކުޅެން ދަރުމާއާ އެކީ ހެދި ތިން ފިލްމުގެ އެއްބަސްވުމަކީ ވަރޫން ދަވަނާއި އާލިއާ ބަޓާ އެކީ އެ ސްޓޫޑިއޯ އިން ގެނެސްދޭން ފަށާފައި އޮތް "ހަމްޓީ ޝަރުމާ ކީ ދުލްހަނިޔާ" އާއި "ބަދުރީނާތު ކީ ދުލްހަނިޔާ" ގޮތަށް ތިން ބައި އެކުލެވޭ ގޮތަށް ކުރިއަށް ގެންދާނެ ޕްރޮޖެކްޓެކެވެ.

ވަރޫން އާއި އާލިއާގެ އެ ދެ ފިލްމަކީ މިދިޔަ ޑިސެމްބަރުގައި ރިލީޒްކުރި ކިއާރާގެ "ގޯވިންދާ ނާމް މޭރާ" ގެ ޑައިރެކްޓަރު ޝިޝާންކް ކައިތާން ހަދާފައިވާ ފިލްމުތަކެވެ.

ދަރުމާއާ އެކީ ސިދާތާއި ކިއާރާ ތިން ފިލްމެއްގެ ޑީލް ހެދި ވާހަކަ ދެކެވެމުން އަންނަ އިރު، ސިދާތަކީ ކަރަން ބޮލީވުޑަށް ނެރުނު ތަރިއެކެވެ. އެއީ 2012 ގެ "ސްޓޫޑެންޓް އޮފް ދި އިޔާ" އިންނެވެ. މި އަހަރުގެ ޖުލައި 7 އަށް ތާވަލުކޮށްފައި އޮތް ސިދާތުގެ "ޔޯދާ" އަކީ ވެސް އެ ސްޓޫޑިއޯގެ ފިލްމެކެވެ. ދަރުމާ އަށް އޭނަ ކުޅުނު ފިލްމުތަކުގެ ތެރޭގައި "ބްރަދާސް" އާއި "ބާރު ބާރު ދޭކޯ" އާއި "ކަޕޫރް އެންޑް ސަންސް" އާއި "ހަސީ ތޯ ޕަސީ" ވެސް ހިމެނެ އެވެ.

ކިއާރާ އަކީ މިހާރު ދަރުމާ އިން އެންމެ ގިނައިން ފުރުސަތު ލިބޭ އެއް ބަތަލާ އެވެ. އަރަަމުން އަންނަ ބަތަލާގެ މިދިޔަ އަހަރުގެ "ގޯވިންދާ ނާމް މޭރާ" ގެ އިތުރުން "ޖުގް ޖުގް ޖިއޯ" އަކީ ވެސް ދަރުމާގެ ފިލްމެކެވެ. އޭނަ ކުޅުނު ދަރުމާގެ އިތުރު ފިލްމުތަކުގެ ތެރޭގައި "ގިލްޓީ" އާއި "ގުޑް ނިއުސް" ވެސް ހިމެނެ އެވެ.