Last Updated: July 22, 14:09
Wednesday, July 22, 2026
ދުނިޔެ

މި ކުއްޖާ އެޑޮޕްޓްކުރަން އެތައް ހާސް ހުށަހެޅުމެއް!

މިދިޔަ ހޯމަ ދުވަހު ތުރުކީ އާއި ސީރިއާ އަށް ބިންހެލުމުގައި ސީރީއާ އިން ވެއްޓުނު އިމާރާތެއްގެ ދަށުން ސަލާމަތްކުރި ތުއްތު ކުއްޖާ އެޑޮޕްޓްކުރަން އެތައް ހާސް ހުށަހެޅުމެއް ލިބެން ފަށައިފި އެވެ.

އަޔާގެ ނަން ދީފައިވާ މި އަންހެން ކުއްޖާ މި ވަގުތީ އޮތީ ސީރިއާގެ ހޮސްޕިޓަލުގަ އެވެ. ކުއްޖާގެ އޮތީ ކުޑަކުދިންގެ ޑޮކްޓަރެއް ކަމަށްވާ ހާނީ މާރޫފް ބެލުމުގެ ދަށުގަ އެވެ.

އަޔާ އުފަންވީ ބިންހެލުން އައިސް ވެއްޓުނު އޭނަގެ އާއިލާ ދިރިއުޅެމުން އައި އަފްރިންގެ އިމާރާތެއްގަ އެވެ. އެ ހާދިސާގައި އެ ކުއްޖާގެ މަންމަ އާއި ބައްޕަ އާއި އެ މީހުންނަށް ކުރިން ލިބުނު ހަތަރު ދަރިން ވެސް ވަނީ މަރުވެފަ އެވެ.

ވެއްޓުނު އިމާރާތެއްގެ ތެރެއިން އަޔާ ސަލާމަތްކުރީ މީގެ ދެ ދުވަހެއް ކުރިންނެވެ. އަދި މި ވާހަކަ ވަރަށް ގިނަ މީޑިއާތަކަށް އަރައި އެ ކުއްޖާގެ ވަރަށް ބޮޑު ސަމާލުކަމެއް ލިބިފައިވެ އެވެ. އަޔާ ފެނުނީ ފަސް ބުރީގެ އިމާރާތެއްގެ ދަށުން ފެނުނި އިރު ތުއްތު ކުއްޖާ އޮތީ އުފަންވި ގޮތަށެވެ.

މި ކުއްޖާ ސަލާމަތްކޮށް އެ ވާހަކަ މީޑިއާތަކުގައި ދެކެވެން ފެށުމާ އެކީ ދުނިޔޭގެ އެކި ހިސާބުތަކުން މިހާރު އަންނަނީ އަޔާ އެޑޮޕްޓްކުރަން ޝައުގުވެރިކަން ފާޅުކުރަމުންނެވެ. ބިންހެލުމުގައި މުޅި އާއިލާ ނެތިދިޔަ ކުއްޖާ އަށް އޮތް ގޮތަކީ ވެސް ކޮންމެވެސް ބައެއްގެ ބެލިވެރިކަމުގެ ދަށަށް ނެގުމެވެ.

އަޔާ އޮތް ހޮސްޕިޓަލްގެ މެނޭޖަރު ޑރ. ހާލިދު އަތިއާ ވިދާޅުވީ ކުއްޖާ އެޑޮޕްޓްކުރަން ޝައުވެރިކަން ފާޅުކޮށް މިހާރު ކޮންމެ ދުވަހަކު އެތައް ކޯލެއް ލިބެމުން އަންނަ ކަމަށެވެ. މި ވަގުތު ކުއްޖާގެ ހުރިހާ ޒިންމާއަކާ ހަވާލުވެފައި ވަނީ އޭނަ އެވެ. އަޔާ އަށް ގާތުން ވެސް ދެނީ ވެސް ހާލިދުގެ އަންހެނުންނެވެ.