އެމެރިކާގެ މަޝްހޫރު މަހުޖަނު ބިލް ގޭޓްސްގެ ކައިވެނި ރޫޅައިލިތާ ދެ އަހަރެއްހާ ދުވަސް ފަހުން އޭނަ އާ ލޯބިވެރިއެއް ހޯދިކަމުގެ ވާހަކަތައް މިހާރު ވަރަށް ހޫނުކޮށް ދެކެވެން ފަށައިފި އެވެ.
މީޑިއާތަކުން ބުނީ މައިކްރޮސޮފްޓްގެ އެއް ބާނީ ކަމަށްވާ 67 އަހަރުގެ ގޭޓްސްއާ ލޯބިވެރިޔަކީ އޮރޭކަލް ކުންފުނީގެ ކުރީގެ ރައީސް އަދި މިލިއަނަރު މާކް ހާޑްގެ އަންހެނުން ޕައުލާ ކަލޫޕާ، 60، ކަމަށެވެ. މާކް ވަނީ ކެންސަރު ބަލީގައި 2019 ގައި މަރުވެފަ އެވެ. ޕައުލާ އާއި މާކް އަށް ދެ ކުދިން ލިބިފައިވެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން ގޭޓްސް އާއި ޕައުލާ ޑޭޓްކުރާތާ މިހާރު އަހަރެއްހާ ދުވަސް ވެދާނެ އެވެ. އެކަމަކު މި ދެ މީހުން އެކީގައި ފުރަތަމަ ފެނިފައި ވަނީ މިދިޔަ މަހު އޮސްޓްރޭލިއާ އޯޕަންގެ ތެރޭގަ އެވެ. މެޗެެއް ބަލަން ދެ މީހުން އެކީގައި ދިއުމާއި މެލްބަންގެ އެކި ހިސާބުތަކުން ވެސް ފަހުން ގޭޓްސް އާއި ޕައުލާ ވަރަށް ގިނައިން ފެނިފައިވާ ކަމަށް މީޑިއާތަކުން ބުންޏެވެ.

މި ދެ މީހުންގެ ގުޅުމުގެ ވާހަކަ މިހާރު ދެކެވެމުން ދިޔަ ނަމަވެސް ކައިވެނިކޮށްފާނެކަމުގެ އަޑުތަކެއް އަދިއެއް ނެތެވެ.
ގޭޓްސް އާއި މެލިންޑާގެ 27 އަހަރުވީ ކައިވެނި، ދެ މީހުން އަމިއްލަ އަށް އެއްބަސްވެގެން ރޫޅައިލީ 2021 ގެ މެއި މަހުގެ ތެރޭގަ އެވެ. އެ ކައިވެންޏަށް ތިން ކުދިން ލިބިފައިވެ އެވެ. ގޭޓްސް އާއި މެލިންޑާ ދޮށީ އަންހެން ދަރިފުޅު ޖެނިފާ ކެތެރިން ގޭޓްސް، 26، ވަނީ 2021 ގައި ކައިވެނި ވެސްކޮށްފަ އެވެ.