މިދިޔަ ހޯމަ ދުވަހުގެރޭ ތުރުކީ އާއި ސީރިޔާ ގުޅޭ ބޯޑަރު ސަރަހައްދަށް އައި ބާރުގަދަ ބިންހެލުމުގައި ހާލުގައި ޖެހުނު މީހުންނަށް އެހީވުމަށް ޕާކިސްތާނުން 22 ޓަނުގެ އެހީ ތުރުކީ އަށް ފޮނުވައިފި އެވެ.
ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފު ވިދާޅުވީ ޕާކިސްތާނަށް 2005 ވަނަ އަހަރު އައި ބިންހެލުމާއި އަދި 2010 ވަނަ އަހަރު ކުރިމަތިވި ފެންބޮޑުވުމުގެ ހާދިސާއާ ގުޅިގެން ތުރުކީން ވެދިން އެހީތެރިކަން ޕާކިސްތާނު ރައްޔިތުން ހަނދާން ނައްތާނުލާނެ ކަމަށެވެ.
The people of Pakistan cannot forget how Türkiye came forward to help us at the time of earthquake of 2005 & super floods of 2010. The Islamic concept of brotherhood binds us in a unique relationship where we share the pain of each other. https://t.co/PP9eTnbhlK
— Shehbaz Sharif (@CMShehbaz) February 10, 2023
ޕާކިސްތާނުން ވަނީ ބިންހެލުން އައި ދުވަހު ވެސް ތުރުކީ އަށް އެހީގެ ތަކެތި އަދި މީހުން ސަލާމަތް ކުރުމަށް ޓީމުތައް އެގައުމަށް ފޮނުވާފަ އެވެ. އަދި މިދިޔަ އަންގާރަ ދުވަހު ޕާކިސްތާނުން ވަނީ މީހުން ސަލާމަތް ކުރުމަށް މަސައްކަތަށް އެގައުމުގެ އަސްކަރިއްޔާގެ ބައެއް ޓީމުތައް ވެސް އެގައުމަށް ފޮނުވާފަ އެވެ.
ރިޕޯޓުތައް ބުނާގޮތުން 7.8 ގެ ބާރުމިނުގައި އައި މި ބިންހެލުމުގައި ތުރުކީން މަރުވި މީހުންގެ އަދަދު ވަނީ 17،674 އަށް އަރާފަ އެވެ. އަދި ސީރިޔާ އިން ވަނީ 3،377 މީހަކު މަރުވެފަ އެވެ. އެއާއެކު ބިންހެލުމުގައި މަރުވި މީހުންގެ އަދަދު ވަނީ 21،051 އަށް އަރާފަ އެވެ.
ބިންހެލުމާ ގުޅިގެން މަރުވި މީހުންގެ އަދަދު މިއަށް ވުރެ ވެސް އިތުރުވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ރިޕޯޓުތައް ބުނެ އެވެ. އެގޮތުން ބިންހެލުމާ ގުޅިގެން ގިނަ އިމާރާތްތަކެއް ބިމާ ހަމަވެފައިވާއިރު، އިމާރާތްތަކުގެ ދަށުގައި ތާށިވެފައި މީހުން ސަލާމަތް ކުރުމަށް ކަމާބެހޭ ފަރާތްތަކުން އަންނަނީ ހުއްޓުމެއް ނެތި މަސައްކަތް ކުރަމުންނެވެ. ނަމަވެސް މޫސުން މިވަގުތު ހުރި ގޮތުން މީހުން ސަލާމަތް ކުރުމުގެ މަސައްކަތަށް އަންނަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވަމުންނެވެ.
އެމެރިކާގެ ޖިއޮލޮޖިލަކް ސާވޭއިން ބުނީ މި ބިން ހެލުމަކީ 1939 ވަނަ އަހަރު ތުރުކީ އަށް އައި ބާރުގަދަ ބިންހެލުމެއްގައި 30،000 މީހުން މަރުވި ފަހުން އައި އެންމެ ބާރުގަދަ ބިންހެލުން ކަމަށެވެ.