ބޮލީވުޑްގެ ދެ ފަންނާނަކި އަނެއްކާ ވެސް ކައިވެނިކޮށްފި އެވެ.
މިއަދު ކައިވެނިކުރީ ދެ ބަޔަކަށް ގެނެސްދިން ފިލްމު "ހުދާ ހާފިޒް ގެ ބަތަލާ ޝިވަލީކާ އޮބެރޯއީ އާއި ޑައިރެކްޓަރު އަބީޝެކް ޕަތަކެވެ. އަބީޝެކަކީ މިދިޔަ އަހަރުގެ އެންމެ ކާމިޔާބު ފިލްމުތަކުގެ ތެރޭގައި ހިމެނޭ އަޖޭ ދޭވްގަން "ޑްރިޝަމް 2" ގެ ޑައިރެކްޓަރެވެ. އޭނަ އަކީ މަޝްހޫރު ޕްރޮޑިއުސަރު ކުމާރު މަންގަތުގެ ދަރިއެކެވެ.
ޝިވަލީކާ، 27، އާއި އަބީޝެކް، 35، މިއަދު ކައިވެނިކުރީ މި މަހުގެ ތެރޭގައި ކައިވެނި ކުރާނެކަން ވެސް އިއުލާންކުރުމަށް ފަހު އެވެ. އެ ދެ މީހުން ރައްޓެހިވެގެން އުޅޭތާ ދުވަސްތަކެއް ފަހުން ޝިވަލީކާ އަށް އަބީޝެކް ޕްރޮޕޯޒްކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ.
ޝިވަލީކާ ބޮލީވުޑަށް ނުކުތީ ކުރީގެ އެކްޓަރު އަމްރިޝް ޕޫރީގެ ކާފަދަރިފުޅު ވަރުދާން ކަޕޫރާ އެކީ ކުޅުނު 2019 ގެ "ޔޭ ސާލީ އާޝިގީ" އިންނެވެ. އޭގެ ފަހުން އޭނަ ފެނިފައި ވަނީ "ހުދާ ހާފިޒު" އާއި އާއި އޭގެ ސީކްއެލްއިންނެވެ. ޝިވަލީކާ ބަތަލާއެއްގެ ގޮތުގައި ނުކުތުމުގެ ކުރިން ދެ ފިލްމެއްގައި އެސިސްޓެންޓް ޑައިރެކްޓަރެއްގެ ގޮތުގައި ވެސް މަސައްކަތްކުރި އެވެ. އެއީ ސަލްމާން ޚާންގެ "ކިކް" އާއި އަކްޝޭ ކުމާރުގެ "ހައުސްފުލް 2" ގަ އެވެ.
ޝިވަލީކާ އާއި އަބީޝެކްގެ ކައިވެންޏަކީ މި ހަފުތާގެ ތެރޭގައި ބޮލީވުޑްގައި ކުރެވުނު ދެވަނަ ކައިވެންޏެވެ. މި މަހުގެ 7 ގައި ކައިވެނިކުރީ މަޝްހޫރު ދެ ތަރިން ކަމަށްވާ ސިދާތު މަލްއުތުރާ އާއި ކިއާރާ އަދުވާނީ އެވެ.