Last Updated: July 22, 14:09
Wednesday, July 22, 2026
ދުނިޔެ

ސީރިއާގެ 5.3 މިލިއަން މީހުންގެ ގެދޮރު ގެއްލިއްޖެ

މިދިޔަ ހޯމަ ދުވަހުގެރޭ ސީރިއާ އާއި ތުރުކީ ގުޅޭ ބޯޑަރު ސަރަހައްދަށް އައި ބާރުގަދަ ބިންހެލުމާ ގުޅިގެން ސީރިއާގެ 5.3 މިލިއަން މީހުންގެ ގެދޮރު ގެއްލިފައިވާ ކަމަށް އދ.ގެ ހައި ކޮމިޝަނާ ފޯ ރެފިއުޖީސް (ޔޫއެންއެޗްސީއާރް)އިން ބުނެފި އެވެ.

ޔޫއެންއެޗްސީއާރުން ސީރިއާ އަށް ކަނޑައަޅާފައިވާ މަންދޫބު ސިވަންކާ ދަނަޕަލާ ވިދާޅުވީ އެ އެޖެންސީގެ ލަފާކުރުންތައް ދައްކާ ގޮތުން ބިންހެލުމާ ގުޅިގެން ސީރިއާގެ 5.37 މިލިއަން މީހުންނަށް ވަގުތީ ހިޔާތައް ބޭނުންވާ ކަމަށެވެ.

"މިހާރު ވެސް ސީރިއާގެ އާބާދީގެ ގިނަ އަދަދެއްގެ ބަޔަކު ގެދޮރު ނެތި އުޅެމުންދާއިރު މިއީ ބޮޑު އަދަދެއް." ސިވަންކާ ވިދާޅުވި އެވެ.

ސީރިއާގައި 2011 ވަނަ އަހަރު ފެށި ދާހިލީ ހަނގުރާމައާ ގުޅިގެން 6.8 މިލިއަން މީހުން ގެދޮރު ގެއްލިފައިވާ ކަމަށް އ.ދ ގެ ރެފިއުޖީ އެޖެންސީން ލަފާކުރެ އެވެ. ހަނގުރާމައިގެ ސަބަބުން މަގުތައް ފަދަ ތަންތަން ހަލާކުވެފައިވުމުގެ ސަބަބުން އާންމުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި އުނދަގޫތަކެއް ކުރިމަތިވަމުންދާ ކަމަށް ސިވަންކާ ވިދާޅުވި އެވެ.

ބިންހެލުމުގައި 23،000 އަށް ވުރެ ގިނަ މީހުން މަރުވެފައިވާއިރު ސީރިއާ އިން ވަނީ 3،384 މީހުން މަރުވެފަ އެވެ. މި ބިންހެލުމުގައި ސީރިއާ އިން 5،000 އަށް ވުރެ ގިނަ މީހުންނަށް އެކި ވަރުގެ އަނިޔާތައް ވަނީ ލިބިފަ އެވެ.