Last Updated: July 22, 14:09
Wednesday, July 22, 2026
ދުނިޔެ

ބިންހެލުމުން ސަލާމަތްވި އާއިލާތަކަށް ކުލި ދައްކައިދެނީ

މިދިޔަ ހޯމަ ދުވަހުގެރޭ ތުރުކީ އާއި ސީރިއާގެ ބޯޑަރު ސަރަހައްދަށް އައި ބާރުގަދަ ބިންހެލުމުގައި ގެތަށް ބިމާ ހަމަވި މީހުންގެ ފްލެޓްތަކަށް ބަދަލުވާން ބޭނުންވާ މީހުންގެ ކުލި ދައްކައިދޭން ތުރުކީ ސަރުކާރުން ނިންމައިފި އެވެ.

ބިންހެލުމާ ގުޅިގެން ގެދޮރު ގެއްލިފައިވާ މީހުން މިވަގުތު ތިބީ ޓެންޓުތަކުގަ އެވެ.

ބިންހެލުމުގެ އަސަރުކޮށްފައިވާ ތުރުކީގެ ދެކުނު ހިސާބުތަކަށް އިއްޔެ ކުރެއްވި ޒިޔާރަތަށްފަހު ނޫސްވެރިންނާ ވާހަކަފުޅުދައްކަވަމުން ތުރުކީގެ ރައީސް ތައްޔިބް އުރުދުގާން ވިދާޅުވީ ބިމާ ހަމަވި އިމާރާތްތައް ސަރުކާރުން އަހަރެއްގެ ތެރޭގައި އިމާރާތްކޮށްދޭނެ ކަމަށެވެ.

ބިންހެލުމުގައި ސަލާމަތްވި ފަރާތްތަކަށް ސަރުކާރުން 10،000 ޓާކިޝް ލީރާ (530.92 ޑޮލަރު) ދިނުމަށް ނިންމާފައިވާ ކަމަށާއި އަދި ޓެންޓުތަކުގައި ތިބެން ބޭނުންވާ ފަރާތްތަކަށް ފްލެޓްތަކަށް ބަދަލުވުމުގެ ފުރުސަތު އޮންނާނެ ކަމަށް އުރުދުގާން ވިދާޅުވި އެވެ. އަދި އެ ތަންތަނުގެ ކުލި އެއް އަހަރު ދުވަހަށް ސަރުކާރުން ދައްކައިދޭނެ ކަމަށް އުރުދުގާން ވިދާޅުވި އެވެ.

މީގެއިތުރުން ހޮޓެލްތަކަށް ބަދަލުވާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ވެސް އޮންނާނެ ކަމަށް ތުރުކީގެ ރައީސް ވިދާޅުވި އެވެ.

ބިންހެލުމުގައި 23،000 އަށް ވުރެ ގިނަ މީހުން މަރުވެފައިވާއިރު ތުރުކީން ވަނީ 20،000 އަށް ވުރެ ގިނަ މީހުން މަރުވެފަ އެވެ. ބިންހެލުމުގައި އެގައުމުގެ 77،711 މީހުންނަަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާއިރު ގިނަ އަދަދެއްގެ އިމާރާތްތައް ވަނީ ބިމާ ހަމަވެފަ އެވެ.