ދަތުރު ދާން ހާއްސަކޮށްގެން ތަރައްގީކުރި ކުޑަގިރި މިއަދު ހުޅުވަން ތައްޔާރުވެއްޖެ އެވެ.
އެތަން ހުޅުވަން ބާއްވާ ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވާނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހެވެ.
ކުޑަގިރި މިއަދު ހުޅުވާލުންވެގެން ދާނީ އެ ރަށް ހުޅުވާނެ އިރަކަށް އިންތިޒާކުރަމުން ދިޔަ އެތައް ބައެއްގެ އިންތިޒާރަށް ނިމުމެއް އަންނާނެ ކަމަށެވެ. މި ރަށް ހުޅުވަން އެންމެ ފުރަތަމަ ޕްލޭންކުރީ މިދިޔަ އަހަރު މިނިވަން ދުވަހާ ދިމާކޮށް ޖުލައި 26 ގަ އެވެ. ނަމަވެސް މަސައްކަތްތައް އިތުރަށް ފުރިހަމަކުރަން ވަގުތު ބޭނުން ވާތީ ހުޅުވަން މި އަހަރަށް ފަސްކުރި އެވެ.
ކުޑަގިރި މިއަދު ހުޅުވައި އާންމުން ދަތުރު ދާނެ ހިތްގައިމު ރަށެއް ސަރުކާރުން ތަރައްގީކޮށް ދިން އިރު، މިއީ މާލެ ސަރަހައްދުގައި އުޅޭ ރައްޔިތުންނަށް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމަކަށް ވާނެ އެވެ. އެ ރަށް މިއަދު ހުޅުވަން ނިންމައި، ފުރަތަމަ ދުވަހަށް ބުކިންސް އަށް ބުރާސްފަތި ދުވަހު ހުޅުވާމުން ފުރަތަމަ ދުވަހަކަށް ކަނޑައެޅި 300 ޖާގަ ވަނީ ފުލްވެފަ އެވެ.
Are you ready to reconnect with family and friends? Only at #Kudagiri Picnic Island! #Aadhey #VisitKudagiri #urbangetaway pic.twitter.com/yMUMo0cpTr
— Kudagiri Picnic Island (@KudagiriMv) January 19, 2023
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ފަރާތުން ކުޑަގިރި މެނޭޖްކުރާ އިރު، މި ރަށުން ކޮންމެ ދުވަހަކު ވެސް 500-600 މީހުންގެ ޕިކްނިކް ދަތުރަށް ފުރުސަތު ދެވޭނެ އެވެ. މި ރަށަކީ ލޯންޗަކުން މާލޭން ފުރައިގެން 15 ވަރަކަށް މިނިޓުން ދެވޭ ހިސާބުގައި ހިއްކައިގެން ތަރައްގީކޮށްފައިވާ ރަށެކެވެ.
ދަތުރުދާ މީހުންނަށް ބޭނުންވާ މައިގަނޑު ހުރިހާ ވަސީލަތްތަކާ އެކީ ކުޑަގިރި ހުޅުވާ އިރު، އަށް ހެކްޓަރުގެ ރަށުގައި 1.5 ހެކްޓަރުގެ ފިނޮޅެއް ވެސް ހަދާފައިވެ އެވެ. ރަށް ބަލަހައްޓާ އޮފީހަކާއި މިސްކިތާއި ފާޚާނާ ބަރިއަކާއި، ކެފޭ އާއި ފިހާރަ އަދި ހަޓުތަކާއި ކުޅިވަރު ކުޅެވޭނެ ގިނަ ވަސީލަތްތައް ފަދަ އެތައް ކަމެއް މި ރަށުން ލިބެން ހުންނާނެ އެވެ.
ކުޑަގިރި އަކީ ސަރުކާރުގެ ފަސް ކުންފުންޏެއް ގުޅިގެން ތަރައްގީކުރި ރަށެކެވެ. އެއީ އެމްޓީސީ އާއި އެޗްޑީސީ އާއި އެމްޑަބްލިއެސްސީ އާއި ފެނަކަގެ އިތުރުން ސްޓެލްކޯ އެވެ.