Last Updated: June 8, 21:45
Monday, June 8, 2026
ޚަބަރު

ދަނޑުވެރިންގެ ރެޖިސްޓްރީއެއް އެކުލަވާލަނީ

އައްޑޫ " ޒުވާން ދަނޑުވެރިޔާ" ހުސައިން ރަމްޒީ އޭނަގެ ދަނޑުގައި މަސައްކަތް ކުރަނީ.

ރާއްޖޭގައި ދަނޑުވެރިކަމުގެ ވިޔަފާރިވެރިންގެ ރަޖިސްޓްރީއެއް އެކުލަވާލަން ނިންމައި އެއަށް އެގްރިކަލްޗަ މިނިސްޓްރީން ހުޅުވާލައިފި އެވެ.

ރާއްޖޭގެ ދަނޑުވެރިންގެ ރަޖިސްޓްރީއެއް މިނިސްޓްރީ އެކުލަވަލާލަނީ އިންޓަނޭޝަނަލް ފަންޑް ފޯ އެގްރިކަލްޗަރަލް ޑިވެލޮޕްމެންޓް (އިފާޑް) ގެ އެހީތެރިކަމާ އެކީ ކުރިއަށް ގެންދާ "މޯލްޑިވްސް އެގްރި ބިޒްނަސް ޕްރޮގްރާމް" ގެ ދަށުންނެވެ. މި ޕްރޮގްރާމަކީ ދަނޑުވެރިކަން ތަރައްޤީކޮށް ދެމެހެއްޓެނިވި ގޮތަކަށް މަސައްކަތް ކުރުމަށް ވިޔަފާރިތަކާއި ދަނޑުވެރިން ގުޅުވުމާއި ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ދަނޑުވެރިކަން ކުރަން ދަސްކޮށް ދިނުމުގެ މަޤްސަދުގައި ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމުގެ ދަށުން ރާއްޖޭގެ ދަނޑުވެރިންގެ ރަޖިސްޓްރީއެއް އެކުލަވާލުމަށް ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ.
މި މަސައްކަތުގެ ދަށުން ރާއްޖޭގެ ދަނޑުވެރިކަމުގެ ވިޔަފާރި ކުރާ ފަރާތްތަކުގެ ޑޭޓާބޭހެއް ޤާއިމްކުރެވި، ދަނޑުވެރިން ވިޔަފާރިތަކާއި ގުޅުވައިދީ ވިޔަފާރިވެރިންނާއި މުޢާމަލާތް ކުރާނެ ޕްލެޓްފޯމެއް ޤާއިމްކޮށް ދެވޭނެ އެވެ.

މި މަސައްކަތް ކުރުމަށް މެޕް ޕްރޮޖެކްޓުން ރޭވިފައި ވަނީ ރަނގަޅު އަގެއްގައި ފެންވަރު ރަނގަޅު ދަނޑުވެރިކަމުގެ އުފެއްދުންތައް ބާޒާރުގައި ލިބޭނެ ގޮތް މަގުފަހިކޮށް ދިނުމަށެވެ.

މި ޑޭޓާބޭހުގައި ރެޖިސްޓްރީވާން ބޭނުންވާ ދަނޑުވެރިންނަށް އޮންލައިކޮށާއި ފޯމް ހުށަހަޅައިގެން ވެސް ރެޖިސްޓްރީ ކުރެވޭނެ އެވެ.
ޕްރޮގްރާމް ހިންގުމަށް ހަމަޖެހިފައި ވަނީ ތިލަދުން މަޑުލު އުތުރުބުރި، ދެކުނު ބުރި އަދި މިލަދުންމަޑުލު އުތުރުބުރީގެ 26 ރަށެއްގަ އެވެ.

މި ޕްރޮގްރާމުގެ ދަށުން ދަނޑުވެރިންނާއި ވިޔަފާރިތައް ގުޅުވައިދީ، ވިޔަފާރީގެ ގުޅުން ދެމެހެއްޓެނިވި ގޮތެއްގައި ޤާއިމްކޮށް ދެެވޭނެ އެވެ.