Last Updated: June 8, 21:45
Monday, June 8, 2026
ޚަބަރު

ހުޅުމާލެ އަށް ސްމާޓް ޕާކިން، ހުރިހާ ކަމެއް އޮންލައިކޮށް

ހުޅުމާލޭގައި ޤާއިމް ކުރެވިފައިވާ ސްމާޓް ޕާކިން ޒޯނެއް / ފޮޓޯ: އެޗްޑީސީ

ރާއްޖޭގައި ފުރަތަމަ ފަހަރަށް ސްމާޓް ޕާކިންގެ ޚިދުމަތް ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ތައާރަފުކުރުމަށް ތައްޔާރުވަމުން އަންނަ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ސްމާޓް ޕާކިންގެ ޚިދުމަތުގެ ތަޢާރަފުކުރުމުގެ ގޮތުން ޕައިލެޓް ޕްރޮޖެކްޓެއް އެޗްޑީސީން މި ވަގުތު އަންނަނީ ހިންގަމުންނެވެ. ޕައިލޮޓް ޕްރޮޖެކްޓު ހިންގަނީ ހުޅުމާލޭގެ ފެރީ ޓާމިނަލް ކައިރީ ފިތުރޯނު ޕާކިން ޒޯނުގަ އެވެ. މި ސަރަހައްދުގައި މި ވަގުތު ކުރިއަށް ގެންދަނީ ސްމާޓް ޕާކިންގް ސޮލިއުޝަން ޓެސްޓު ކުރުމުގެ މަސައްކަތެވެ.

ސްމާޓް ޕާކިންގައި ޕާކިން ޖާގަ ރިޒާވްކޮށްގެން ޕާކު ކުރަން އަންނަ ކާރުތަކުގެ ނަމްބަރު ޕްލޭޓްތައް ކެމެރާއެއް މެދުވެރިކޮށް ރީޑްވެގެން ހުޅުވޭ އޮޓޯ ބޫމް ގޭޓެއް ސްމާޓް ޕާކިން ޒޯންގައި ހަރު ކުރެވިފައި ވާނެ އެވެ. އަދި ޕާކު ކުރާ އުޅަނދުތަކުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ސީސީޓީވީ ކެމެރާ މި ޕާކިން ޒޯންގައި ހަރުކުރެވިފައި ހުންނާނެ ކަމަށް އެޗްޑީސީން ބުންޏެވެ. މިއާ އެކީ ޒޯންގެ ބޭރުން އެތެރޭގެ ހުރި ޒޯންތައް ފެންނަ ގޮތަށް ޑިޖިޓަލް ބޯޑެއް ހަރުކުރެވިފައި ވާނެ އެވެ.

މީގެ އިތުރުން، ހަމައެކަނި ކާރު ޕާކިން އަށް ކަނޑައެޅިފައިވާ މި ސްމާޓް ޕާކިން ޒޯންގައި ކުރު މުއްދަތަށް ޕާކު ކުރަން އަދި ދިގު މުއްދަތަށް ޕާކު ކުރަން ބޭނުންވާ ފަރާތްތަކަށް ހާއްސަ ޖާގަތަކާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަ ޖާގަތައް ހުންނާނެ ކަމަށް އެޗްޑީސީން ބުންޏެވެ.

ހުޅުމާލޭގައި ޤާއިމް ކުރެވިފައިވާ ސްމާޓް ޕާކިން ޒޯނެއް / ފޮޓޯ: އެޗްޑީސީ

ސްމާޓް ޕާކިންގ ތައާރަފު ކުރުމަށް މަސައްކަތް ކުރާ އިރު، ޕާކިން އެޕްލިކޭޝަނެއް ވެސް ލޯންޗްކުރަން އެޗްޑީސީން އަންނަނީ ތައްޔާރުވަމުންނެވެ. މި އެޕް މެދުވެރިކޮށް، ޕާކިން އަށް ފައިސާ ދައްކައި، އަދި ޕާކިން ޒޯންގެ ޖާގަތައް ހުސްވުމުން ނޮޓިފައިކުރެވޭނެ އެވެ. މީގެ އިތުރުން ޖާގަތައް ރިޒާވްކޮށް ހުސްކޮށް ހުންނަ ޖާގަތާކާއި އަގުތަށް ވަކިން ބަލާލެވޭނެ އެވެ.

މާލޭ ސަރަހައްދުގައި އުޅަނދުތައް ގިނަވެ ޕާކިން މައްސަލަ އިތުރުވެފައިވާ އިރު، އެޗްޑީސީން ވަނީ މީގެ ކުރިން ވެސް، ވެހިކަލް ޕާކިން އަށް ހާއްސަ ޖާގަތަކެއް ކުއްޔަށް ދޫކޮށްފަ އެވެ.