އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސްގެ މި އަހަރުގެ ކޮރޮނޭޝަނަށް ހާއްސަކޮށްގެން ތައްޔާރުކުރި ލޯގޯ ފަރުމާކުރީ އެެޕަލް ކުންފުނީގެ ކުރީގެ އިސް ޑިޒައިނަރު ސާ ޖޯނީ އައިވްކަން އިއުލާންކޮށްފި އެވެ.
އެޕަލްގެ އައިފޯނާއި އައިޕެޑްތައް ފަރުމާކުރުމުގެ މަސައްކަތުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކުރެއްވި ޑިޒައިނަރު ޖޯނީ އެ ކުންފުނިން އިސްތިއުފާ ދެއްވީ 2019 ގަ އެވެ.
އޭނަ ފަރުމާކުރެއްވި ޝާހީ ރަސްކަމުގެ އާ ލޯގޯ ރަސްކަމުގެ ސުވެނިއާތަކާއި ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކާއި އަދި ރަސްމީކޮށް މި އަހަރު ހިންގާ އެކިއެކި ހަރަކާތްތަކުގައި ބޭނުންކުރަން ވަނީ ނިންމައިފަ އެވެ. ގަދަ ރަތް ކުލަ އާއި ނޫ ކުލަ ބޭނުންކޮށްގެން ވަށްބުރަކަށް ފަރުމާކޮށްފައިވާ ލޯގޯގެ މެދުގައި ނޫ ކުލައިގެ ތާޖެއް އިންނަ އިރު އޭގެ މައްޗާއި އެތެރޭގައި ނޫ ކުލައިގެ މާތަކެއް ހިމެނެ އެވެ. އަދި އޭގެ ވަށައިގެން ރަތް ކުލައިގެ މާތަކެއް ހުންނަ އިރު، މުޅި ލޯގޯގެ ވަށައިގެން ކިންގް ޗާލްސް ތިނެއް، ކޮރޮނޭޝަން، 6 މެއި 2023 ބޮޑު އަކުރުން، ނޫ ކުލައިން ހިމަނާފައިވެ އެވެ.

އިނގިރޭސިވިލާތަށް ޖޯނީ، 55، ވިދާޅުވީ ރަސްގެފާނުގެ ކޮރޮނޭޝަން ލޯގޯ ފަރުމާކުރީ ޗާލްސް ވެއްޓަށް ދެއްވާ ލޯތްބާއި ޝައުގުވެރިކަމަށް އިސްކަން ދީގެން ކަމަށެވެ. އެގޮތުން އޭގައި މައިގަނޑު ބަޔަކަށް މާ ހިމެނީ ޗާލްސްކީ މާމެލާމެއްޔާއި ބަގީޗާތަކަށް ވަރަށް ލޯބިކުރައްވާ ބޭފުޅަކަށްވުމުން ކަމަށް ވިދާޅުވި އެވެ.
ޗާލްސް އިނގިރޭސި ތަހުތާ ހަވާލުވެވަޑައިގެންނެވީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު 8 ގައި މަންމާފުޅު ރާނީ އެލިޒަބަތު ދޭއް އަވަހާރަވުމާ ގުޅިގެންނެވެ. މެއި 6 ގައި ފަށާ ޗާލްސްގެ ކޮރޮނޭޝަން ހަރަކާތްތައް ހަފުތާއަކަށް ދެމިގެން ދާނެ އެވެ.