Last Updated: June 8, 21:45
Monday, June 8, 2026
ޚަބަރު

ކުޑަގިރީގެ ހިތްފަސޭހަކަން ދަމަހައްޓަން ޖެހޭނެ

ކުޑަގިރި އަކީ އެންމެންނަށް ހިތްފަސޭހަކަމާ އެކީ ޗުއްޓީ ހޭދަކޮށްލެވޭ ރަށަކަށް ހަދައި ދިނުމަށް ރައީސް އިބްރާޙިމް މުހައްމަދު ސޯލިހު އިލްތިމާސް ކުރައްވައިފި އެވެ.

އެ ރަށް ރަސްމީކޮށް ހުޅުވުމުގެ މިއަދު ބޭއްވި ރަސްމީއްޔާތުގައި ރައީސް ވަނީ ރަށަށް ދުވަސްވީ މީހުންނާއި ކުޑަކުދިންނާއި އާއިލާތައް އަންނާނެ ކަން ފާހަގަ ކުރައްވައިފަ އެވެ. އެގޮތުން އައިލާއެއްގެ ހިމެނޭ ހުރިހާ އެންމެން ކޮންމެ ދުވަހަކުހެން ޗުއްޓީ ހޭދަކުރުމަށް އެ ރަށަށް އަންނާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

މިއާއެކު އެންމެންނަށް ހިތްފަސޭހަކަމާ އެކީ ވަގުތު ހޭދަކުރެވޭ ރަށަކަށް ކުޑަގިރިވުމަކީ މުހިއްމު ކަމެއް ކަމަށާއި އެކަމަށް ހުރިހާ އެންމެން ވެސް މަސައްކަތްކޮށް ދިނުމަށް އިލްތިމާސްކުރެއްވި އެވެ.

ރަށުގެ ސެކިއުރި ޓީއާއި ޚިދުމަތް ދިނުމަށާއި ގިނަ ސްޓާފުންތަކެއް އެޗްޑީސީން އައްޔަންކޮށްފައި ތިބި ކަމަށް ވިޔަސް ރަށް ސާފުތާހިރުކޮށް އަދި އަމާންކަމާއި އެކު އޮންނާނީ، ރަށަށް ޒިޔާރާތް ކުރާ މީހުން ވެސް އަމިއްލަ ފަރުދުންގެ ހައިސިއްޔަތުން ސަމާލުކަން ދީގެން ކަމަށް ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ ކުޑަގިރި އަށް ދަތުރު ދާ މީހުންނަށް ދޭ ޚިދުމަތްތައް ބަލަހައްޓައި ކުރިއަރުވައި އެކަށީގެންވާ ގޮތަށް ކުރިއަށް ގެންދަންވާނެ ކަމަށް ޤަބޫލު ކުރައްވާ ކަމަށް ވިދާޅުވި އެވެ.

"ގައުމެއް ކުރިއަރާނީ އެ ގައުމެއް ނިސްބަތްވާ ރައްޔިތުންނަކީ ޖިސްމާނީ އަދި ނަފްސާނީ ގޮތުން ދުޅަހެޔޮ ބަޔަކަށް ވެގެން. ކުޑަގިރި ޕިކްނިކް އައިލެންޑްގެ އެންމެ ބޮޑު ބޭނުމަކީ ދުޅަހެޔޮ ބަދަހި މުޖުތަމަޢަކަށް މަގުފަހިކުރުން،" ރައީސް ވިދާޅުވި އެވެ. "އިޖުތިމާޢީ ގުޅުމާއި މުޖުތަމަޢުގެ ހަމަޖެހުން ދެމެހެއްޓުމަކީ އަޅުގަނޑުމެންގެ މުހިއްމު އަމާޒެއް."

ކުޑަގިރި ބެލެހެއްޓުން އެޗްޑީސީން ކުރިއަށް ގެންދާ އިރު ރަށުގެ ކައިރީގައި ސްކޫލު ކުދިންނަށް ކޭމްޕްކޮށް ދަތުރު ދެވޭ ގޮތަށް އިތުރު ކުޑަ ރަށެއް ތަރައްޤީ ކުރުމުގެ މަސައްކަތް ވެސް އެޗްޑީސީއާ ހަވާލުކޮށްފައިވާކަން ރައީސް ފާހަގަކުރެއްވި އެވެ. އަދި އެ މަސައްކަތް ވެސް ދާދި އަވަހަށް ފެށޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވި އެވެ.

އަޅުގަނޑުގެ އުއްމީދަކީ އަދި އިލްތިމާސަކީ މިކަން އެޗްޑީސީއިން ލަސްނުކޮށް އެޑިއުކޭޝަން އަދި ސްކޫލް ދަރިވަރުނަށް ކޮށްދިނުން." ރައީސް ވިދާޅުވި އެވެ.

މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ޕިކްނިކް ދިއުމަށް ރަށެއް ތަރައްޤީ ކުރުމަކީ ރައީސް ރިޔާސީ ވައުދެކެވެ.

ލޯންޗަކުން މާލޭން ފުރައިގެން 15 ވަރަކަށް މިނިޓުން ދެވޭ ހިސާބުގައި ހިއްކައިގެން ތަރައްގީކޮށްފައިވާ ރަށެކެވެ.

ދަތުރުދާ މީހުންނަށް ބޭނުންވާ މައިގަނޑު ހުރިހާ ވަސީލަތްތަކާ އެކީ ކުޑަގިރި ހުޅުވި އިރު، އަށް ހެކްޓަރުގެ ރަށުގައި 1.5 ހެކްޓަރުގެ ފިނޮޅެއް ވެސް ހަދާފައިވެ އެވެ. ރަށް ބަލަހައްޓާ އޮފީހަކާއި މިސްކިތާއި ފާޚާނާ ބަރިއަކާއި، ކެފޭ އާއި ފިހާރަ އަދި ހަޓުތަކާއި ކުޅިވަރު ކުޅެވޭނެ ގިނަ ވަސީލަތްތައް ފަދަ އެތައް ކަމެއް މި ރަށުން ލިބެން ހުންނާނެ އެވެ.

ހިއްކައިގެން ކުޑަގިރި ތަރައްގީކުރީ ސަރުކާރުގެ ފަސް ކުންފުންޏެއް ގުޅިގެންނެވެ. އެއީ އެމްޓީސީ އާއި އެޗްޑީސީ އާއި އެމްޑަބްލިއެސްސީ އާއި ފެނަކަގެ އިތުރުން ސްޓެލްކޯ އެވެ.