ކަލާޒް އިން މާދަމާ ރޭ ފިނާލޭ ގެނެސްދޭން ތައްޔާރުވަމުން އަންނަ ރިއަލިޓީ ޝޯ "ބިގް ބޮސް 16" ގެ ގަދަ 5 ގައި ހިމެނޭ ޓީވީ ބަތަލާ ޕްރިޔަންކާ ޗަހާރް ޗައުދަރީ އަށް ޝާހްރުކް ޚާންގެ ފިލްމު "ދުންކީ" އިން ފުރުސަތު ލިބިފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މީޑިއާތަކުން ބުނީ ރާޖްކުމާރު ހިރާނީ ޑައިރެކްޓްކުރާ ފިލްމުން ޕްރިޔަންކާ އަށް ފުރުސަތެއް ދޭން އެދުނީ "ބިގް ބޮސް" ގެ ހޯސްޓް ސަލްމާން ޚާން ކަމަށެވެ. އެގޮތުން ޕްރިޔަންކާގެ ހުނަރުގެ ވާހަކަ އާއި އޭނަގެ ރީތިކަމުގެ ވާހަކަ ޝާހްރުކްގެ ގާތު ދައްކައި، "ދުންކީ" އިން ފުރުސަތެއް ފަހިކޮށް ދޭން އެދުމުން، ހިރާނީ ގާތު ޝާހްރުކް އެ ވާހަކަ ދެއްކުމުން ޕްރިޔަންކާ އަށް ފިލްމުން ރޯލެއް ދޭން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
އެހެންވެ "ބިގް ބޮސް 16" ނިންމައިލުމާ އެކު ޕްރިޔަންކާ "ދުންކީ" ގެ ޓީމާ ބައްދަލުކޮށް، އެއަށް ރަސްމީކޮށް ސޮއި ވެސް ކުރާނެ ކަމަށް މީޑިއާތަކުން ބުނެ އެވެ. ވަރަށް ގިނަ ބަޔަކު ބުނަމުން އަންނަ ގޮތުގައި "ބިގް ބޮސް 16" ކާމިޔާބު ކުރުމުގެ ފުރުސަތު ވެސް ބޮޑީ ޕްރިޔަންކާ އެވެ.
އޭނަ އަށް ބޮލީވުޑަށް ނެރެން އުޅޭކަމުގެ ވާހަކަތަކެއް ދެކެވެމުން އަންނަ އިރު، "ބިގް ބޮސް 16" ގެ އެޕިސޯޑެއްގައި ޕްރިޔަންކާ އަށް ތައުރީފުކޮށް، އޭނަ ސީރިއަސްކޮށް އެކްޓިން ކެރިއަރެއް ބިނާކުރަން ބޭނުންވާ ނަމަ އަދި އެކަމަށް މަސައްކަތްކޮށްފި ވަރަށް މަޝްހޫރު ބަތަލާއަކަށް ވެދާނެ ކަމަށް ވެސް ސަލްމާން ބުނެފައިވެ އެވެ.
ޕްރިޔަންކާ، 27، އަކީ ކަލާޒް އިން 2021 އިން ފެށިގެން ދައްކަމުން އަންނަ ސިލްސިލާ "އުދާރިޔާ" ގެ ކުރީގެ ލީޑް އެއް ބަތަލާ އެވެ. އޭނަ "ބިގް ބޮސް 16" ގައި ބައިވެރިވި އިރު، އެ ސިލްސިލާގެ ކުރީގެ ބަތަލު އަންކިތު ގުޕްތާ ވެސް ޝޯގައި ވާދަކުރި އެވެ. އެކަމަކު އޭނަ ވަނީ ޝޯގެ ތަންކޮޅެއް ކުރީކޮޅު ކަޓައިގެން ގޮސްފަ އެވެ.
މި އަހަރުގެ ޑިސެމްބަރުގައި ގެނެސްދޭން ހަމަޖެހިފައިވާ "ދުންކީ" އަކީ ސޯޝަލް ކޮމެޑީއެކެވެ. މީގެ ބަތަލާއަކަށް ކުރިން ވަނީ ތާޕްސީ ޕައްނޫ ނަގައިފަ އެވެ.