ބޮލީވުޑްގެ ތަރި ރިތިކް ރޯޝަންގެ ސުޕަހީރޯ ފްރެންވައިޒް "ކްރިޝް" ގެ ހަތަރު ވަނަ ބައި ހޮލީވުޑްގެ ޑައިރެކްޓަރަކު ލައްވައި ހަދަން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ ބައެއް މީޑިއާތަކުން ބުނީ ރިތިކް މިހާރު އަމާޒު ހިފާފައި އޮތީ އޭނަ މިހާރު ޝޫޓިން ފަށާފައި އޮތް ޑައިރެކްޓަރު ސިދާތު އާނަންދުގެ "ފައިޓާ" ގެ މަސައްކަތް ނިމުމާ އެކީ "ކްރިޝް 4" ގެ މަސައްކަތް ފަށާށެވެ. އެގޮތުން މީގެ މަހެއްހާ ދުވަސް ކުރިން ރިތިކާއި އޭނަގެ ބައްޕަ ޑައިރެކްޓަރު ރާކޭޝް ރޯޝަން ފިލްމުގެ ސްކްރިޕްޓްގެ ފައިނަލް ޑްރާފްޓް ވެސް ނިންމާފައިވާ ކަމަށް މީޑިއާތަކުން ބުނެ އެވެ.
"ކްރިޝް 4" އަށް ހޮލީވުޑްގެ ޑައިރެކްޓަރެއް ގެންނަން އުޅޭކަމުގެ ވާހަކަތަކެއް ދެކެވެން ފެށި އިރު، މި ފިލްމު ރާކޭޝް ޑައިރެކްޓް ނުކުރާނެ ކަމުގެ އަޑުތަކެއް ކުރިން ވެސް އަރާފައިވެ އެވެ. އެއީ އޭނަގެ ސިއްހީ ހާލަތު ހުރި ގޮތުންނާއި ގިނަ އަދަދެއްގެ ވީއެފްއެކްސް ވެސް އެކުލެވޭ ސުޕަހީރޯ ފިލްމެއް ހަދަން ރާކޭޝް މާ މުސްކުޅިވެއްޖެ ކަމަށް ބުނެ ކަމަށް ބައެއް މީޑިއާތަކުން ބުނެފައިވެ އެވެ.
އެހެންވެ "ކްރިޝް 4" ޑައިރެކްޓްކުރުވަން ބޭނުން ވަނީ މިހާރުގެ ޖީލުތަކަށް ކަމުދާ ގޮތަށް ފިލްމު ގެނެސްދެވޭނެ، ޒަމާނީ ޑައިރެކްޓަރަކާ އެކީގައި ކަމަށް ބުނެފައިވެ އެވެ.
ކުރިން އަޑު އަރާފައިވާ ގޮތުން މި ފިލްމު ރިތިކްގެ 2017 ގެ "ގާބިލް" ގެ ޑައިރެކްޓަރު ސަންޖޭ ގުޕްތާ ލައްވައި ހަދަން ވެސް ވިސްނުންތަކެއް ގެންގުޅުނެވެ. އެކަމަކު އެ ވާހަކަ ރާކޭޝް ދޮގުކޮށްފައިވެ އެވެ. "ކްރިޝް" ގެ ކުރީގެ ހުރިހާ ބައިތަކެއް ވެސް ޑައިރެކްޓްކުރީ ރާކޭޝް އެވެ.
މީޑިއާތަކުން ބުނީ "ކްރިޝް 4" އަށް ހޮލީވުޑުން ޑައިރެކްޓަރަކު ހޯދަން ރިތިކް އެމެރިކާ އަށް ދާން ހަމަޖެހިފައިވާ ކަމަށެވެ. އެކަމަކު މިކަމާ އެއްވެސް ވާހަކައެއް ރިތިކާއި ރާކޭޝް އަދި ނުދައްކަ އެވެ.
"ކްރިޝް" ފްރެންޗައިޒަކީ ރިތިކާ އެކީ ރާކޭޝް 2003 ގައި ގެނެސްދިން "ކޮއި…މިލް ގަޔާ" އިން ކުރިފަޅުވައިގެން ގެނެސްދޭނެ ފެށި އެއްޗެކެވެ. އެގޮތުން "ކްރިޝް" 2006 ގައި ގެނެސް ދިނުމަށް ފަހު "ކްރިޝް 3" ރިލީޒްކުރީ 2013 ގަ އެވެ.