Last Updated: June 8, 21:45
Monday, June 8, 2026
ޚަބަރު

ހިތަދޫ ގިރާ ސަރަހައްދު ނިންމަން ދެން 3 މަސް

ހިތަދޫ ގިރާ ސަރަހައްދުގެ މަސައްކަތް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ބައްލަވާލައްވަނީ / ފޮޓޯ: އެމްޓީސީސީ

އައްޑޫ ހިތަދޫ ފުއްޓަރު ފަރާތު ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ މަސައްކަތް ކުރިއަށް އޮތް ތިން މަސް ދުވަހުގެތެރޭ ނިމޭނެ ކަމަށް އެމްޓީސީސީން ބުނެފި އެވެ.

އެ ކުންފުނީގެ ސިއީއޯ އާދަމް އާޒިމް ވަނީ މިދިޔަ ހަފުތާގެ ތެރޭގައި ގިރާ ސަރަހައްދުގެ ހިމާޔަތްކުރުމުގެ މަސައްކަތާއި އައްޑޫގައި އެމްޓީސީސީން ކުރިއަށް ގެންދާ އެހެން މަޝްރޫއުތައް ވެސް ކުރިއަށްދާ ގޮތް ބައްލަވާލައްވައިފަ އެވެ.

އެ ކުންފުނިން ބުނީ ހިތަދޫ ގިރާ ސަރަހައްދުގައި ޖިއޯ ބޭގް ޖެހުމުގެ މަސައްކަތް މިހާރު ވަރަށް ބާރަށް ކުރިއަށްދާ ކަމަށާއި ކުރިއަށް އޮތް 3 މަސްތެރޭގައި މަސައްކަތް އެއްކޮށް ނިންމައިލެވޭނެ ކަމަށެވެ. އެމްޓީސީސީން ބުނީ މި މަސައްކަތަކީ ގޮންޖެހުންތައް ބޮޑު މަސައްކަތެއް ކަމަށާއި، އެ ސަރަހައްދަކީ ވަރަށް ގަދައަށް ރާޅު ޖަހާ ސަރަހައްދަކަަށްވުމާ އެކީ މޫދަށް ފައިބައު ސަރަހައްދު ތައްޔާރު ކުރާއިރު، އެކަމަށްވެސް ހާއްސަ އިކުޕްމެންޓް ބޭނުންވާ ކަމަށެވެ.

ހިތަދޫގެ ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ އަމަލީ ފެށީ މިދިޔަ އަހަރު އޮކްޓޯބަރު މަހުގެ 5 ގަ އެވެ.

އެ އަވަށުގެ ހުޅަނގުން އޮންނަ މި ސަރަހައްދަކީ ވަރަށް ބޮޑަށް ގިރައިގެން ގޮސްފައިވާ ސަރަހައްދެކެވެ. އަދި އުދަ އަރާ ދުވަސްވަރު އެ ސަރަހަދުގެ ބައެއް ގޭގެއަށް ވެސް އުދައިގެ އަސަރުކުރެ އެވެ. މީގެ އިތުރަށް ގިރަމުންގޮސް ބައެއް ގޭގެ އިންފާރާ ހަމައަށް ބައެއް މޫސުންތަކުގައި ރާޅު ޖަހަ އެވެ.

އެ ސަރަހައްދު ހިމާޔަތް ކުރަން އެމްޓީސީސީއާ ހަވާލުކުރީ 11.65 މިލިއަން ރުފިޔާއަށެވެ. އެގޮތުން ގިރާ ސަރަހައްދުގެ ހުޅަނގު ފަރާތުގައި 570 މީޓަރު ސަރަހައްދުގެ ގޮނޑުދޮށް ހިމާޔަތްކޮށް، މޫދަށް އާންމުން އެރިއުޅޭނެ ސަރަހައްދެއް ފުންކޮށް ތަރައްގީ ކުރަން ހަމަޖެހިފައިވެ އެވެ. އެވެ. އަދި މޫދަށް އެރޭ ސަރަހައްދުގެ ބޭރުން 100 މީޓަރު ބޮޑުހިލައިގެ ބްރޭކްވޯޓާ ވެސް ގާއިމުކުރަން ހަމަޖެހިފައިވެ އެވެ.