އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ލިބުނު މައްސަލައިގައި ދައުވާ ކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނިހާން ހުސައިން މަނިކުގެ މައްޗަށް އުފުލާފައިވާ ދައުވާގެ އަޑުއެހުމެއް މާދަމާ ކްރިމިނަލް ކޯޓުގައި ތާވަލު ކޮށްފިއެވެ.
ނިހާންގެ ޝަރީއަތް މާދަމާ ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފައިވަނީ ހެނދުނު 09:00 އަށެވެ.
ނިހާނުގެ މައްޗަށް އުފުލާފައިވަނީ ރިޝްވަތު ހިފުމުގެ ތިން ދައުވާއަކާއި ރިޝްވަތަށް އެދުމުގެ ދެ ދައުވާއަކާއި، މަނީ ލޯންޑަރިންގެ ދައުވާއެކެވެ.
ނިހާންގެ މައްޗަށް އުފުލާފައިވާ ދައުވާގައި ދިފާއީ ހެއްކެއްގެ ގޮތުން ޕީޖީ ހުސައިން ޝަމީމް، ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް އަދި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ބަލައިގަނެވޭނެ ކަމަށް ކްރިމިނަލް ކޯޓުން ވަނީ ނިންމާފައެވެ. ޕީޖީ ޝަމީމް ދިފާއީ ހެއްކެއްގެ ގޮތުގައި ބަލައިގަނެވޭނެ ކަމަށް ކޯޓުން ނިންމާފައިވާއިރު މިއީ ޕީޖީގެ މަގާމުގައި ހުންނެވި ބޭފުޅަކު ހެއްކެއްގެގޮތުގައި ކޯޓަކުން ބަލައިގަތް ފުރަތަމަ ފަހަރެވެ. މި ތިން ބޭފުޅުން ހެކިންގެ ގޮތުގައި ހުށަހަޅާފައިވަނީ އެ ބޭފުޅުން ކުރެއްވި ޓްވީޓްތަކަކާ ގުޅިގެންނެވެ.
މީގެއިތުރުން ދިފާއީ ހެކިންގެ ގޮތުގައި ބައެއް ހެކިން ބަލައިނުގަތުމަށް ކްރިމިނަލް ކޯޓުން ނިންމުމުން ނިހާން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވެއެވެ. އެހެންނަމަވެސް އެ މައްސަލައިގައި ހައިކޯޓުން ވަނީ ކްރިމިނަލް ކޯޓުގެ ނިންމުމަށް ތާއީދުކޮށްފައެވެ. ބަލައިނުގަންނަން ނިންމި ހެކިންގެ ތެރޭގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އަދި ނައިބު ރައީސް ފައިސަލް ނަސީމް ހިމެނެއެވެ.
ނިހާންގެ މައްޗަށް އުފުލާ ދައުވާގެ ތަފްސީލު:
އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގި ހިޔާނާތާއި ކޮރަޕްޝަނާއި މަނީ ލޯންޑަރިންގެ ކުށްތަކާ ގުޅިފައިވާ ފައިސާ ނިހާނަށް ލިބުނު މައްސަލަ ފުލުހުންނާއި އޭސީސީ އަދި އެސެޓް ރިކަވަރީ ކޮމިޝަން ގުޅިގެން ތަހުގީގުކުރުމަށްފަހު ނިހާންގެ މައްޗަށް ވަނީ ހަ ދައުވާއެއް ކޮށްފައެވެ.
ޕީޖީ އޮފީހުން މީގެކުރިން ބުނެފައިވަނީ، ނިހާން ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރުކަމުގައި އަދި މާލިއްޔަތު ކޮމެޓީގެ މުގައްރިރުގެ މަގާމުގައި ހުރި އިރު، އޭނާގެ މަގާމުގެ ހައިސިއްޔަތުން އަދާކުރަން ޖެހޭ މަސްއޫލިއްޔަތުތައް ވަކިގޮތަކަށް ކުރުމަށް ނުވަތަ ނުކޮށް ދޫކޮށްލުމުގެ މުގާބިލުގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ގާތު ރިޝްވަތަށް އެދި، އަދި އަދީބު ދީފައިވާ ރިޝްވަތު ހިފައި ކުށް ކޮށްގެން ހޯދާފައިވާ ފައިސާ އަތުގައި ބަހައްޓައި އެ ފައިސާ ބޭނުންކޮށްފައިވާކަން ތަހުގީގަށް ހޯދިފައިވާ ކަމަށެވެ.
ނަމަވެސް ނިހާނަށް ލިބިފައިވާ އެފަދަ އެއްވެސް ފައިސާއެއް ލިބުނުކަން އޭނާ 2014 އިން ފެށިގެން 2019 އާދެމެދު ހުށަހަޅާފައިވާ މާލީ ބަޔާންތަކުގައި ހިމަނާފައިނުވާ ކަމަށް ޕީޖީ އޮފީހުން ބުނެފައިވެއެވެ.
މި މައްސަލަތަކުގައި ނިހާންގެ މައްޗަށް ދައުލަތުން އުފުލަނީ ރިޝްވަތު ހިފުމުގެ ކުށުގެ ތިން ދައުވާއަކާއި މަނީ ލޯންޑަރިންގެ ދައުވާއަކާއި ރިޝްވަތު ލިބިދިނުމަށް އެދުމުގެ ކުށުގެ ދެ ދައުވާއެކެވެ. އަދި މި މައްސަލައިގައި އުފުލާފައިވާ ދައުވާތަކާ ގުޅިގެން ނިހާން ކުށްކޮށްގެން ހޯދާފައިވާ ފައިސާ އަދި އެއާ އެއްކޮށްފައިވާ މުދާ އަދި ފައިސާ ދައުލަތަށް ނަގައިދިނުމަށް ވެސް ކޯޓުގައި ވަނީ އެދިފަ އެވެ.
ޕީޖީ އޮފީހުން ބުނީ ނިހާން ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ހައިސިއްޔަތުން އަދާކުރަން ޖެހޭ ވާޖިބަށް ނުފޫޒު ފޯރުވުމުގެ ގޮތުން އޭރު ޓޫރިޒަމް މިނިސްޓަރަކަށް ހުންނެވި އަދީބު މެދުވެރިވެގެން އެސްއޯއެފް ޕްރައިވެޓް ލިމިޓެޑުން 150،000 އެމެރިކާ ޑޮލަރުގެ ޗެކެއް ލިބިގަނެ، އެ ފައިސާ އާއި އެހެން ފައިސާ އެއްކުރުމަށްފަހު ޕްލެޓިނަމް ރެޒިޑަންސް އިން ފްލެޓެއް ގަނެފައިވާ ކަމަށެވެ.
އޭގެ އިތުރުން 2014 ވަނަ އަހަރު ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމަށް މީހަކު އައްޔަން ކުރުމަށާއި ހަމަ އެ އަހަރު ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން ޖުޑީޝަލް ސާވިސް ކޮމިޝަނަށް އައްޔަންކުރާ މެންބަރު ހޮވުމަށްޓަކައި ރައްޔިތުންގެ މަޖިލީހުން ނެގި ވޯޓާ ގުޅިގެން، ރިޝްވަތުގެ ގޮތުގައި ރޮލެކްސް (ސަބްމެރީނާ) ބްރޭންޑުގެ ގަޑިއެއް ދިނުމަށް އަދީބު ގާތުގައި އެދުމުން، މ. ވިލާދަށުގެ/ މުހައްމަދު މަނިކު (އެއްލައިދޫ މަނިކު) މެދުވެރިކޮށް އަދީބު ދިން ގަޑި ބަލައިގަނެފައިވާ ކަމަށް ވެސް ޕީޖީ އޮފީހުން ބުނެފައިވެއެވެ.
މީގެއިތުރުން ނިހާން ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް ހުރިއިރު، އޭނާގެ މެންބަރުކަމުގެ ހައިސިއްޔަތުން އަދާ ކުރި މަސްއޫލިއްޔަތުތައް އަދީބު އަންގާ ގޮތަށް އަދާކުރުމުގެ މުގާބިލުގައި 650،000 ރުފިޔާ ދިނުމަށް އަދީބު ގާތު އެދިފައިވާ ކަމަށާއި އަދި އެ ފައިސާ ދިނުމުން އެ ފައިސާ ހިފާފައިވާ ކަމަށްވެސް ބުނެފައިވެއެވެ.