Last Updated: April 23, 13:19
Tuesday, April 23, 2024
މުނިފޫހިފިލުވުން

ކާމިޔާބު އަންހެނާ

(ޖޫން 3، 2014 ވަނަ ދުވަހުގެ ބަޔާ ގުޅޭ)

ނަވަލޯކާ އަށް ގެނައި ފުރަތަމަ ދެ އެންބިޔުލަންސްގައި ތިބީ ހާދިސާގެ ސަބަބުން މަރުވެފައި ތިބި މީހުންނެވެ. ހީނާ ގެނައި އެންބިޔުލަންސް އައީ ހުސް ބޮޑު ވަރުވެފައި ތިބި މީހުންނެވެ.

ނަވަލޯކާގެ އެމެޖެންސީ ޔުނިޓްގެ އެންމެ އިސް އަންހެން ޑޮކްޓަރެއް ހީނާ ބަލަން ފެށި އެވެ. ހީނާގެ މޫނުގެ ޒަޙަމް ފުދޭ ވަރަކަށް ބޮޑުކަމުގައި އޭނާ ބުންޏެވެ. އަތާއި ފައިގެ އަނދާފައި ހުރި ތަންތަން އަދާފައި ހުރީ ސެކަންޑް ޑިގްރީ އަށް ކަމަށް އޭނާ ބުންޏެވެ.

މޫނަށް ލިބިފައިވާ ގެއްލުން ލިބިފައިވާ އެހެން ގެއްލުމަށް ވުރެ ކުޑަކަމުގައި ވެސް އޭނާ ބުންޏެވެ. ނަވަލޯކާ އިން އޮތޯޕެޑިސްޓެއް އައިސް ހީނާގެ އަތާއި ފައި ރަނގަޅަށް ޗެކް ކުރި އެވެ.

އެ ޑޮކްޓަރު ބުނާގޮތުން ފުރަތަމަ ޗެކް ކުރަން ޖެހޭނީ ބޮލަށް ލިބިފައިވާ ގެއްލުމެވެ. އަދި ހަމަ އާޖެންޓްކޮށް ސީޓީ ސްކޭންއެއް ހަދަން އޭނާ އިރުޝާދު ދިނެވެ. އެ ވަގުތު ކުއްލިއަކަށް ހީނާގެ ހިތުގެ ހިގުން މަޑުޖެހުނުހެން އެ މީހުންނަށް ހީވި އެވެ.

އެވަގުތު ކާޑިއެކް (ހިތުގެ ބަލީގެ) ޑޮކްޓަރުންގެ ޓީމެއް އައިސް ހީނާގެ ހިތުގެ ހިނގުން ހިންގްން މެށިން ގުޅާލައި ފަރުވާ ދޭން ފެށިއެވެ.

ހީނާ ގެ ލޭގެ ހިނގުން ވެސް މަޑުމަޑުން ދަށްވަމުން ދާކަމަށް އެ މީހުން ބުނަމުން ދިޔަ އެވެ. ބޮޑުވަރު ވެފައި ތިބީ އެހެން މީހުން ގެނައި އިރު އެގާރަ ޑޮކްޓަރުން އެކަނި ވެސް ހީނާ އަށް ފަރުވާދެވޭތޯ މަސައްކަތް ކުރަމުން ދިޔަ އެވެ. ހީނާގެ ކޮންޑިޝަން ދަށްކަމުން ޑޮކްޓަރުން ހީނާ ކައިރިން ދުރަށް ނުގޮސް ފަރުވާދެމުން ދިޔަ އެވެ.

ނިޔުރޯ ޑޮކްޓަރަކު އައިސް ހީނާ ބަލާލި އެވެ. އަދި ސީޓީ ސްކޭން ހަދައި ދިނެވެ. މޫނުގެ ސާޖަރީ ހަދަން އަދި މަޑު ކުރަން އެ ޑޮކްޓަރު ލަފާ ދިނެވެ. ހީނާގެ އަތުގައިވާ ޒަޙަމްތައް ސާފު ކުރުމަށް ފަހު އެ މީހުން ބޭސް އެޅި އެވެ. ހީނާއަށް ނޭވާލެވެނީ ވެސް ޓެސްޕިރޭޓަރެއްގެ އެހީގަ އެވެ. އެކްސިޑެންޓް ހިނގި ތަނުގެ ކަންތައްގަނޑު މައިތިރިވީ ޖެހިގެން އައި ދުވަހުގެ ހެނދުނާ ހަމައިންނެވެ.

ނިޔުރޯ ސާޖަން އައިސް އަނެއްކާވެސް ހީނާ ޗެކްކޮށްލި އެވެ. އޭނާ ބުނާ ގޮތުން ސިކުނޑިޔާ ދިމާލުން ދުޅަވެފައި ހުރުމުން ދޭހަކޮށް ދެނީ ހީނާ ވިއްސައިގެން ގޮސް ޕޭމަންޓް ނޫނީ ޓަނަލްގައި ޖެހުނު ބާރު މިނެވެ. މިއީ ވަރަށް ނުރައްކާތެރި ކަމެކެވެ. މިހާރު ހީނާ ކިރިޔަ ކިރިޔާ ދުނިޔޭގައި އޮތް ކަމެވެ.

"މީނަގެ ޢާޢިލާގެ އެއްވެސް މީހަކު އެބަ ހުރިތަ؟" އެންމެ އިސްކޮށް މަސައްކަތް ކުރަމުން ދިޔަ ޑޮކްޓަރ އަހާލި އެވެ.

އެ ޑޮކްޓަރު ބަލަން ބޭނުންވި ކަމަކީ ހީނާ އޮތީ އޭނާގެ އެންމެ ފަހުގެ ވަސީއްޔަތް ނިންމާފަތޯ ބެލުމެވެ. އެއީ ހީނާ ދުނިޔޭގައި ހުންނާނެ ކަމުގެ އެއްވެސް ޔަޤިން ކަމެއް ނެތުމާ އެކު އެވެ.

"މީނަޔާ ބެހޭ އެއްވެސް މަޢުލޫމާތެއް އެނގޭކަށް ނެތް. އެއްވެސް އައިޑީއެއް ނުވަތަ ޕާސްޕޯޓެއް ވެސް ނެތް." އެހެން ޑޮކްޓަރަކު ވަރަށް ދެރަވެފަ ބުނެލި އެވެ.

ކޮން ބައެއްކަން ނޭނގޭ އެތައް މީހުންނެއް އެރޭ ނަވަލޯކާ އަށް ގެނެވުނެވެ. އެކަމަކު ހިނދުކޮޅެއްގެ ތެރޭ އެ ބައެއްގެ ވާރުތަވެރިން ނުވަތަ އެކުވެރިން އައިސް އެ މީހުންނާ ހަވާލުވި އެވެ. ހީނާގެ ކަންތައް އެނގޭ އެކަކު ވެސް ނެތެވެ. އެކަމަކު އެ ހޮސްޕިޓަލުން ހީނާ އަށް އެންމެ ރަނގަޅު ފަރުވާދެމުން ދިޔަ އެވެ. ފަރުވާދޭކަށް ވަކި މީހެއް ބަލާން ނުޖެހޭނެ ކަމަށް އެ މީހުން ބުންޏެވެ. އެމީހުން ބޭނުން ވީ ބަލިމީހާގެ ފުރާނަ ސަލާމަތް ކުރާށެވެ. (ނުނިމޭ)

ނޯޓް: މި ވާހަކައަކީ މަޝްހޫރު ވާހަކަ ލިޔުންތެރިޔާ ޑެނިއަލް ސްޓީލްގެ "އޮނާ ދައިސެލްފް" އަސްލަކަށް ބަލައިގެން ލިޔެފައިވާ ވާހަކައެކެވެ. މި ވާހަކަ "އައްޑޫ ލައިވް" ގައި ޝާއިއު ކުރާނީ ކޮންމެ އަންގާރަ ދުވަހަކު އެވެ.