Last Updated: June 8, 21:45
Monday, June 8, 2026
ޚަބަރު

ހިތަދޫ ބަނދަރުގެ ޑިޒައިންގެ ބަދަލު އެޕްރޫވްކޮށްފި

އައްޑޫ ހިތަދޫ ބަނދަރުގެ ބޭރުތޮށި ހެދުމަށް ކައުންސިލުން ހުށަހެޅި ޑިޒައިން އެޕްރޫވްކޮޑް އެ މަސައްކަތުގެ އީއައިއޭ ކުރިއަށްދާ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެ ފިއެވެ.

ހިތަދޫ ބަނދަރު ހެދުމުގެ މަޝްރޫޢާއި ގުޅޭ ގޮތުން "އައްޑޫ ލައިވް" އަށް ޑެޕިއުޓީ މޭޔަރ މުހައްމަދު ޝުއާއު ވިދާޅުވީ، ހިތަދޫ ބަނދަރުގެ މަސައްކަތުގެ ތެރެއިން ބޭރުތޮށި ޑިޒައިންކޮށް ކައުންސިލުން ބޭނުންވި ބަދަލުތައް މިހާރު އެޕްރޫވް ވެފައިވާ ކަމަށެވެ. އަދި މިހާރު ދަނީ ޕްލޭނިން މިނިސްޓްރީގެ ބެލުމުގެ ދަށުން އީއައިއޭ މަސައްކަތް ކަމަށާއި އެ މަސަތްކަތް ނިމުމާ އެކު އެމްޓީސީސީން މަސައްކަތް ފަށާނެ ކަމަށް ވިދާޅުވި އެވެ.

ހިތަދޫ ބަނދަރުގެ ބޭރުތޮށި ފުރަތަމަ ޑިޒައިން ކުރެވިފައި ވަނީ ހިލަޖައްސައިގެން ހެދުމަށް ނަމަވެސް، މިހާރު ބޭރުތޮށި ވެސް ބޭނުން ކުރެވޭ ގޮތަށް ޑިޒައިނަށް ވަނީ ބަދަލު ގެނެސްފަ އެވެ.

މީގެ އިތުރުން މިހާރު ބަނދަރުގެ އެތެރެ ތޮށީގެ މަސައްކަތުގެ ތެރެއިން ބާކީ ކުރަމުން އަންނަނީ އައިސްޕްލާންޓާ ދިމާލަށް ހުރި މަސައްކަތް ކަމަށް ޝުއާއު ވިދާޅުވިއެވެ. މިއާއެކު މެދުނުކެނޑި މަސައްކަތް ކުރިއަށްދާނެ ކަމުގެ ޔަޤީންކަން އެމްޓީސީސީން ދީފައިވާ ކަމަށް ކައުންސިލުން ބުންޏެވެ.