Last Updated: July 27, 12:02
Monday, July 27, 2026
މުނިފޫހިފިލުވުން

ސަލްމާންގެ އާ ފިލްމުން ފުރަތަމަ ލަވައެއް

ކުރިއަށް އޮތް ފިތުރު އީދުގައި ރިލީޒްކުރަން ހަމަޖެހިފައިވާ ސަލްމާން ޚާންގެ ފިލްމު "ކިސީ ކާ ބާއީ، ކިސީ ކީ ޖާން" ގެ ލަވައެއްގެ ޓީޒާއެއް މިއަދު އާންމުކޮށްފި އެވެ.

އެ ޓީޒާ ސޯޝަލް މިޑިއާގައި ހިއްސާކޮށް ސަލްމާން ބުނީ ލަވަ މާދަމާ އާންމުންނަށް ދޫކޮށްލާނެ އެވެ. "ކިސީ ކާ ބާއީ، ކިސީ ކީ ޖާން" ގެ ޓްރެއިލާގެ ވެސް ކުރިން ބެލުންތެރިންނަށް ދޫކޮށްލާ މި ލޯބީގެ ލަވައިގެ ނަމަކީ "ނައި ލަގްދާ" އެވެ. ހިމޭޝް ރޭޝަމިއާގެ މިއުޒިކަށް ހަދާފައިވާ ލަވަ ކިޔާފައި ވަނީ ކަމާލް ޚާނާއި ޕަލަކް މުއްޗަލް އެވެ.

ލަވައިން ސަލްމާނާ އެކީ ފެންނާނީ ޒުވާން ބަތަލާ ޕޫޖޭ ހެގްޅޭ އެވެ.

އެޕްރީލް 21 ގައި ސިނަމާތަކަށް ގެންނަން ތާވަލުކޮށްފައިވާ "ކިސީ ކާ ބާއީ، ކިސީ ކީ ޖާން" އަކީ ފަރުހާދު ސަމްޖީ ލިޔެ، ޑައިރެކްޓްކޮށްފައިވާ އެކްޝަން ފިލްމެކެވެ. މީގެ ކާސްޓްގައި "ބިގް ބޮސް 13" ކާމިޔާބުކުރި ޝެހެނާޒް ގިލް ސަނާ) އާއި ޖައްސީ ގިލް އާއި ރާގަން ޖުޔަލް އާއި ޕަލަކް ތިވާރީ އާއި ސިދާތު ނިގާމް އާއި ބަގިޔާޝްރީ އާއި ބޫމިކާ ޗާވްލާ އާއި ވެންކަޓޭޝް އަދި ޖަގަޕަތީ ބާބޫ ހިމެނެ އެވެ.

"ކިސީ ކާ ބާއީ، ކިސީ ކީ ޖާން" ގެ އިތުރުން މި އަހަރުގެ ނޮވެމްބަރުގައި ސަލްމާންގެ "ޓައިގާ 3" ވެސް ރިލީޒްކުރާނެ އެވެ.