ކުރީގެ މުވައްޒަފަކާ ލޯބީގެ ގުޅުމެއް ބޭއްވި މައްސަލައެއް ފަޅާއަރައި، އަމާޒުވާން ފެށި ފާޑުކިޔުންތަކާ ގުޅިގެން ކެނެޑާގެ ޓޮރޮންޓޯގެ މޭޔަރު ޖޯން ޓޯރީ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.
މީޑިއާތަކުން ބުނީ 68 އަހަރުގެ މޭޔަރު "ސިއްރިޔާތުގައި" ލޯބީގެ ގުޅުމެއް ބޭއްވީ 31 އަހަރުގެ މުވައްޒަފަކާ ކަމަށެވެ. އެކަމަކު އޭނަގެ ވަނަވަރެއް ހާމައެއްނުކުރެ އެވެ.
މިކަމާ ގުޅިގެން ޓޯރީ ވިދާޅުވީ އޭނަގެ "އޮފީސް ލޯބީ" ގެ ގުޅިގަނޑު ފެށުނީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައި ކަމަށާއި އެ ގުޅުން ދާދި ފަހުން ނިމުމަކަށް އައިސްފައިވާ ކަމަށެވެ. އަދި ދެ މީހުން ރުޅިވީ އަމިއްލަ އަށް އެއްބަސްވެގެން ކަމަށް ވެސް މޭޔަރު ވިދާޅުވި އެވެ.
ޓޯރީ ވިދާޅުވީ މުވައްޒަފަކާ އެކީ ލޯބީގެ ގުޅުމެއް ބޭއްވެވުމަކީ ހެއްދެވުނު ވަރަށް ބޮޑު ގޯހެއް ކަމަށެވެ. އަދި އެކަމާ މާފަށް ވެސް އެދިވަޑައިގަންނަވާ ކަމަށް ވިދާޅުވި އެވެ.
"ޓޮރޮންޓޯ ރައްޔިތުންގެ ފަރާތުން ވަަރަށް ބޮޑަށް މާފަށް އެދެން. އަދި ހެދުނު ގޯހާ މެދު ހިތާމަ ވެސް ކުރަން،" ހަތަރު ކުދިންގެ ބައްޕަ ވިދާޅުވި އެވެ. "ހާއްސަކޮށް އަހަރެންގެ އަންހެނުންނާއި އާއިލާގެ މީހުންގެ ފަރާތުން މާފަށް އެދެން."
މޭޔަރު މަގާމުން ޓޯރީ އިސްތިއުފާ ދެއްވުމާ ގުޅިގެން ޑެޕިއުޓީ މޭޔަރު ޖެނިފާ މެކްކެލްވީއާ މަގާމުގެ ޒިންމާތައް ހަވާލުކުރަން މިހާރު ވަނީ ނިންމައިފަ އެވެ. ޓޮރޮންޓޯގެ މޭޔަރު ކަމަށް ޓޯރީ އެންމެ ފުރަތަމަ ވަޑައިގެންނެވީ 2014 ގަ އެވެ. މިއީ އޭނަގެ ތިން ވަނަ ދައުރެވެ.