ހިންދީ ސިނަމާގެ ކުރީގެ މަޝްހޫރު ބަތަލާ ޝަރުމީލާ ޓެގޯރް މުހިއްމު ރޯލެއް ކުޅެފައިވާ ފިލްމު "ގުލްމޯހަރް" ގެ ޓްރެއިލާ އާންމުކޮށްފި އެވެ.
ވަރަށް ޖަޒުބާތީ އާއިލީ ވާހަކައެއް ކިޔައިދޭނެ މި ފިލްމަކީ މަޔަކާއި ފިރިހެން ދަރިއަކާއި އޭނަގެ ދަރިންނާ އޮންނަ ގުޅުން ދައްކުވައިދޭނެ އެއްޗެކެވެ. އަންނަ މަހުގެ 3 ގައި ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ޕްރީމިއާކުރަން ހަމަޖެހިފައިވާ "ގުލްމޯހަރް" އަކީ ރާހުލް ވީ ޗިޓެލީ ޑައިރެކްޓްކުރި އެއްޗެކެވެ.
މީގެ ކާސްޓްގައި މަނޯޖް ބަޖްޕާއީ އާއި ސިމްރަން އަދި "ލައިފް އޮފް ޕައި" ގެ އެކްޓަރު ސޫރަޖް ޝަރުމާ ވެސް ހިމެނެ އެވެ.
ހިންދީ ސިނަމާގައި 1960 އާއި 1970 ގެ އަހަރުތަކުގެ ތެރޭގައި އެންމެ ވިދި ބަތަލާއިންގެ ތެރޭގައި ހިމެނޭ ޝަރުމީލާ، 78، އެންމެ ފަހުން ކުޅުނު ފިލްމަކީ 2010 ގައި ރިލީޒްކުރި ދީޕިކާ ޕަދްކޯނާއި އިމްރާން ޚާންގެ "ބްރޭކް ކޭ ބާދު" އެވެ. ހުނަރުވެރި ބަތަލާގެ ކެރިއަރުގައި ކާމިޔާބު އެތައް ފިލްމެއް ކުޅުނެވެ. އޭގެ ތެރޭގައި "ކަޝްމީރު ކީ ކާލީ"، "ވަގުތު"، "އަނޫޕަމާ"، "އޭން އިވްނިން އިން ޕެރިސް"، "އަރާދަނާ"، "އަމަރު ޕްރޭމް"، "ދާގް" އަދި "ޗުޕްކޭ ޗުޕްކޭ" ހިމެނެ އެވެ.
ޝަރުމީލާ އަކީ ފިލްމީ ތަރިން ކަމަށްވާ ސައިފް އަލީ ޚާނާއި ސޯހާ އަލީ ޚާންގެ މަންމަ އެވެ. އަދި މިހާރު ބޮލީވުޑްގައި ފިޔަޖަހާ ޒުވާން ބަތަލާ ސާރީ އަލީ ޚާންގެ މާމަ އެވެ.