ބުޅަލާއި ކުއްތާމަހުގެ ވިޔަފާރި ކުރަމުން ދިޔަ މައްސަލަ ހޮންކޮންގްގައި ފަޅާއަރައި އެކަން ވަރަށް ސީރިއަސް ކަމެއްގެ ގޮތުގައި ބަލަން ފަށައިފި އެވެ.
މިކަން ފަޅާއެރީ އާންމުންގެ ބަޔަކު ކުރި ރިޕޯޓަކާ ގުޅިގެންނެވެ. އެއާ ގުޅިގެން ފުލުހުންނާއި ކަމާބެހޭ ހުރިހާ އިދާރާތެއް ގުޅިގެން ހިންގި އޮޕަރޭޝަނެއްގެ ތެރެއިން ބުޅާލާއި ކުއްތާމަހުގެ ވިޔަފާރިކުރަމުން ދިޔަ ފިހާރަ ރެއިޑްކޮށް، އެތަނުން މަހުގެ ސާމްޕަލް ވެސް ބުރާސްފަތި ދުވަހު ނަގާފައިވެ އެެވެ.
ބުޅަލާއި ކުއްތާ ކަތިލައި އޭގެ މަހުގެ ވިޔަފާރިކުރުމަކީ ހޮންކޮންގުގައި މަނާކޮށްފައި އޮންނަ ކަމެކެވެ. އަދި ގާނޫނަކުން އެކަން މަނާކޮށްފައި އޮންނަތާ ވެސް 70 އަށް ވުރެ ގިނަ އަހަރުވެއްޖެ އެވެ.
ބުޅަލާއި ކުއްތާމަހުގެ ވިޔަފާރިހިންގާފައި ވަނީ ހޮންކޮންގްގެ ބޮޑު އާބާދީއެއް ދިރިއުޅޭ ވިޔަފާރީގެ ސަރަހައްދެއް ކަމަށްވާ ޔައު މާ ޓީގަ އެވެ.
މިކަމާ ގުޅިގެން އެ ގައުމުގެ އެގްރިކަލްޗަ، ފިޝަރީޒް އެންޑް ކޮންޒަވޭޓިވް ޑިޕާޓްމަންޓް (އޭއެފްސީޑީ) އާއި އެންވަޔަރަމަންޓަލް ހައިޖީން ޑިޕާޓްމަންޓް (އޭއެޗްޑީ) އިން ބުނީ މައްސަލަ ކުއްތާ އާއި ބުޅާމަހުގެ ވިޔަފާރިކުރި މީހުންނަށް ފިޔަވަޅު އަޅާނެ ކަމަށެވެ. އަދި މި މައްސަލަ ތަހުގީގުކޮށް ދައުވާކުރަން ޖެހޭ ނަމަ އެކަން ވެސް ކުރާނެ ކަމަށް ބުންޏެވެ.
ދައުވާ ސާބިތުވެއްޖެ ނަމަ އަންނާނެ ހުކުމަކީ ހަ މަހުގެ ޖަލު ހުކުމަކާއި 640 ޑޮލަރުގެ ޖަލު ހުކުމެކެވެ.
ހިއުމަން ސޮސައިޓީ އިންޓަނޭޝަނަލް އިން ބުނެފައިވާ ގޮތުގައި މަހުގެ ބޭނުމުގައި އަހަރެއްގެ ތެރޭގައި ދުނިޔޭގައި 30 މިލިއަން ކުއްތާ އާއި 10 މިލިއަން ބުޅާ ކަތިލެވެ އެވެ.