Last Updated: July 16, 14:08
Thursday, July 16, 2026
ކުޅިވަރު

ބްރެންޓްފޯޑުން އާސެނަލް ހިފަހައްޓައިފި

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ އާސެނަލް އާއި ބްރެންޓްފޯޑް ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވެގެން ނިމިއްޖެ އެވެ.

މި ނަތީޖާއާއެކު ލީގުގެ އެއްވަނައިގައި އާސެނަލް މިހާރު އޮތީ 51 ޕޮއިންޓާ އެކު އެވެ. ދެވަނައިގައި 45 ޕޮއިންޓާ އެކު މެންޗެސްޓާ ސިޓީ އޮތްއިރު މާދަމާ ރޭ ކުޅެ މެޗުން މޮޅުވެއްޖެނަމަ ސިޓީއަށް އާސެނަލްއާ ތިން ޕޮއިންޓާއި ގާތަށް ޖެހިލެވޭނެ އެވެ. ސިޓީ މާދަމާ ރޭ ނިކުންނާނީ އެސްޓަންވިލާއާ ދެކޮޅަށެވެ.

އާސެނަލްގެ ދަނޑުގައި މިރޭ ކުޅުނު މި މެޗުގެ ފުރަތަމަ ހާފްގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން އާސެނަލް އިން ކުޅުނު ނަމަވެސް ގޯލެއް ކާމިޔާބު ކުރުމާ އެންމެ ގާތަށް ދިޔައީ ބްރެންޓްފޯޑުންނެވެ. އެގޮތުން ބްރެންޓްފޯޑުގެ ފޯވާޑް އައިވަން ޓޯނީ ފޮނުވާލި ހަމަލާ އަމާޒުވީ އާސެނަލްގެ ގޯލުގެ ދަނޑި އަށެވެ.

ފުރަތަމަ ހާފްގައި ގޯލެއް ފެނިގެން ގޮސްފައި ނުވި ނަމަވެސް މެޗުގެ 66 ވަނަ މިނެޓްގައި ލިއަންޑްރޯ ޓްރޮސާޑް ވަނީ އާސެނަލް އަށް ލީޑު ނަގާދީފަ އެވެ. ޓްރޮސާޑް މި ގޯލު ކާމިޔާބު ކުރީ ދެވަނަ ހާފްގައި ކުޅެން އެރިތާ ހަތަރުވަނަ މިނެޓްގެ ތެރޭގަ އެވެ. މިއީ މިދިޔަ ޖެނުއަރީ ޓްރާންސްފާގައި ބްރައިޓަން އިން އާސެނަލަށް ބަދަލުވިފަހުން ޓޮރޮސާޑް އެޓީމަށް ކާމިޔާބުކޮށްދިން ފުރަތަމަ ގޯލުވެސް މެ އެވެ.

އާސެނަލް އަށް ލީޑު ހިފަހައްޓާލެވުނީ އެންމެ 8 މިނެޓަށް ކަމަށްވާއިރު މެޗުގެ 74 ވަނަ މިނެޓްގައި ޓޯނީ ވަނީ ބްރެންޓްފޯޑަށް ނަތީޖާ އެއްވަރުކޮށްދީފަ އެވެ. މެޗުގެ ފަހު ވަގުތުކޮޅުތެރޭ ލީޑު ނަގަން އާސެނަލުން ވަރަށް ބޮޑަށް މަސައްކަތް ކުރި ނަމަވެސް އެޓީމަށް އިތުރު ގޯލެއް ކާމިޔާބު ކުރެވޭ ގޮތް ވަނީ ނުވެފަ އެވެ.

މިއީ އާސެނަލަށް ލީގުގައި ޖެހިޖެހިގެން މޮޅެއް ނުލިބި ނިންމާލަން ޖެހުނު ދެވަނަ މެޗެވެ. ލީގުގައި އެންމެފަހުން އެވަޓަންއާ ދެކޮޅަށް ކުޅެ އާސެނަލް ވަނީ 1-0 އިން ބަލިވެފަ އެވެ.

ލީގުގައި އާސެނަލް ދެން ބައްދަލުކުރާނީ މެންޗެސްޓާ ސިޓީއާ އެވެ.