ސައުދީ އަރަބިއްޔާގެ އަލް ހިލާލް 5-3 އިން ބަލިކޮށް ރެއާލް މެޑްރިޑުން ފީފާ ކްލަބް ވޯލްޑް ކަޕް ފަސް ވަނަ ފަހަރަށް ކާމިޔާބު ކޮށްފި އެވެ.
ރެއާލް އިން މޮޅަށް ކުޅުނު މި މެޗުގެ 13 ވަނަ މިނެޓްގައި ވިނީޝަަސް ޖޫނިއާ ވަނީ ރެއާލަށް ލީޑު ނަގާދީފަ އެވެ. އަދި އޭގެ ފަސް މިނެޓް ފަހުން ފެޑެރީކޯ ވަލްވާޑޭ ރެއާލްގެ ދެވަނަ ގޯލު ކާމިޔާބުކޮށްދިން އިރު ފުރަތަމަ ހާފް ނިމުމުގެ ކުރިން އަލް ހިލާލްގެ މަރޭގާ ވަނީ ގޯލެއް ކާމިޔާބުކޮށްދީ ނަތީޖާގެ ފަރަގު އެޓީމަށް ކުޑަކޮށްދީފަ އެވެ.
ނަމަވެސް މެޗުގެ 54 ވަނަ މިނެޓްގައި ކަރީމް ބެންޒެމާ ރެއާލްގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދިންއިރު އޭގެ ހަތަރު މިނެޓްފަހުން ރެއާލްގެ ހަތަރުވަނަ ގޯލު ކާމިޔާބުކޮށްދިނީ ވަލްވާޑޭ އެވެ. އަދި ރެއާލްގެ ފަހު ގޯލު މެޗުގެ 69 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ވިނީޝަސް އެވެ. އަލް ހިލާލްގެ ފަހު ދެ ގޯލު ކާމިޔާބުކޮށްދިނީ އެޓީމުގެ ފޯވާޑް ލޫސިއާނޯ ވިއޭޓޯ އެވެ.
މިއީ ރެއާލުން ކްލަބް ވޯލްޑް ކަޕް ކާމިޔާބު ކުރި ފަސްވަނަ ފަހަރު ކަމަށްވާއިރު ރެއާލް އަކީ މި މުބާރާތް އެންމެ ގިނައިން ކާމިޔާބުކުރި ޓީމެވެ. އެ ޓީމުން ވަނީ 2014، 2016، 2017 އަދި 2018 ވަނަ އަހަރު ކްލަބް ވޯލްޑް ކަޕްގެ ތަށި އުފުލާލައިފަ އެވެ.
ދުނިޔޭގެ ބައްރުތަކުގެ ކްލަބް ޗެމްޕިއަނުންގެ މެދުގައި ކުޅޭ މި މުބާރާތް 2025 އިން ފެށިގެން 32 ޓީމު ބައިވެރިކޮށްގެން ކުޅޭ ގޮތަށް ވަނީ ނިންމާފަ އެވެ.