ރާއްޖޭގެ ސިއްހީ ދާއިރާ ފަދަ އެތައް ކަމަކުން މިހާރު ފެންނަމުން އަންނަ ކުރިއެރުންތަކުގެ އަސްލަކީ ސަރުކާރުގެ ހަރުދަނާ ހާރިޖީ ސިޔާސަތު ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.
ހުޅުމާލެ ހޮސްޕިޓަލްގެ އެންޑީ އަބްދުالله އަބްދުލްޙަކީމް އޮޕްތަލްމޮލޮޖީ ސެންޓަރުގައި ހުނަރާއި ޚިދުމަތްތައް މިހާރަށްވުރެ އިތުރަށް ތަރައްޤީކުރުމަށް ޗައިނާ ސަރުކާރާއި ދިވެހި ސަރުކާރު ގުޅިގެން ހިންގާ ޕްރޮގްރާމް އިފްޠިތާޙުކޮށް ދެއްވުމަށް ބޭއްވި ހަފުލާފައި ނައިބު ރައީސް ވިދާޅުވީ ރާއްޖެ އިން އަވަށްޓެރި ޤައުމުތަކާއި ބައިނަލްއަހުވާމީ އެކި ޤައުމުތަކާއެކު އޮންނަ ގުޅުން ރަނގަޅު ނުވެ ދިޔަ ދުވަސްތަކުގެ ހަނދާންތަކެއް ވެސް އާ ކުރައްވައިފަ އެވެ.
ނަމަވެސް މިހާރުގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ އިރުޝާދާއި ހަރުދަނާ ލީޑަޝިޕްގެ ދަށުން ބައިނަލްއަގުވާމީ މުޖުތަމަޢުއާއެކު އޮތް ގުޅުން އިތުރަށް ބަދަހި ކުރުމަށް ވޭތުވެ ދިޔަ ހަތަރު އަހަރު ދުވަހު ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށް ފައިސަލް ވިދާޅުވި އެވެ.
އެގޮތުން އދ. ގެ މެމްބަރު ގައުމުތަކުގެ 94 ޕަސެންޓް ގައުމުތަކާ އެކު ރާއްޖެ އން ސިޔާސީ ގުޅުން ގާއިމުކޮށްފައިވާ އިރު، މިއީ މިހާ ކުރު މުއްދަތެއްގެ ތެރޭގައި ވަރަށް އާދަޔާހިލާފު ކާމިޔާބީއެއްގެ ގޮތުގައި ސިފަކުރެއްވި އެވެ.
ރޭގެ ހުފްލާގައި ނައިބު ރައީސް ވަނީ ޗައިނާ ސަރުކާރުން ރާއްޖެއާ މެދު ބަހައްޓާ ގާތްކަމާއި ވެދެމުން އަންނަ އެހީތެރިކަމަށް ޝުކުރު އަދާކުރައްވައި، ކުރިއަށް އޮތް އަހަރުތަކުގައި މި ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް ޔަޤީންކުރައްވާ ކަމަށް ވެސް ވިދާޅުވެފަ އެވެ.
އެންޑީ އަބްދުالله އަބްދުލްޙަކީމް އޮޕްތަލްމޮލޮޖީ ސެންޓަރަކީ 2020 ވަނަ އަހަރު ޗައިނާ ސަރުކާރުގެ އެހީގައި ހުޅުވި ސެންޓަރެކެވެ.