ޓްރެވެލް އެޖެންސީތައް ހިންގާ ވިޔަފާވެރިވެރިޔާ މުހައްމަދު ފިރާގު (އިނަ މޯލްޑިވްސް ފިރާގު) ޖުމްހޫރީ ޕާޓީ އަށް ސޮއިކޮށްފި އެވެ.
އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް މި އަހަރުގެ ރިޔާސީ އިންތިހާބަށް ނުކުންނަވަން ޖެހޭ ކަމަށް ބުނެ ދާދި ފަހުން ސޯޝަލް މީޑިއާގައި ވެސް ވާހަކަ ދެއްކެވި ފިރާގް ޖޭޕީ އަށް ސޮއިކުރީ އެ ޕާޓީގެ މައި ޖަގަހަ، މ. ކުނޫޒުގައި އިއްޔެ ބޭއްވި ހާއްސަ ހަފުލާއެއްގަ އެވެ. އެ ހަފުލާގައި ޕާޓީ އަށް ސޮއިކޮށް ފިރާގު ވަނީ ޕާޓީއާ ފޯމު ހަވާލުކޮށްފަ އެވެ. ފޯމާ ހަވާލުވުވެވަޑައިގަންނެވީ ޖޭޕީގެ ނައިބު ރައީސް އަހުމަދު ސައުދެވެ.
ފިރާގުގެ އިތުރުން ވެސް އިތުރު ބަޔަކު ޖޭޕީ އަށް އިއްޔެ ސޮއިކޮށް ފޯމް ހަވާލުކޮށްފައިވެ އެވެ.
ފިރާގު އިއްޔެ ބުނީ މި ވަގުތު ރާއްޖޭގެ ސިޔާސީ އުދަރެހުގައި ތިއްބެވި ސިޔާސީ ލީޑަރުންނަށް ބަލާ އިރު، ގައުމު މިހާރު މި އޮތް ހާލަތުގައި ރާއްޖެ ކުރިއަށް ގެންދެވޭނެ ލީޑަރަކީ ގާސިމް ކަމަށެވެ.
ޖޭޕީ އަކީ ރާއްޖޭގައި ތިން ވަނަ އަށް އެންމެ ބޮޑު ޕާޓީ އެވެ. މި އަހަރުގެ ރިޔާސީ އިންތިހާބުގައި އެ ޕާޓީން ވާދަކުރުމާ މެދު ވަރަށް އަވަހަށް ގޮތެއް ނިންމަން ހަމަޖެހިފައިވެ އެވެ. ޖޭޕީ އަކީ މި ސަރުކާރުގެ ކޯލިޝަން ބައިވެރިއެކެވެ.