ކުރިން ވެސް މަގުބޫލު އެތައް ލަވަތަކަކާ އެކީ އަލްބަމްތަކެއް ގެނެސް ދީފައިވާ ރާއްޖޭގެ މަޝްހޫރު ސިމްބޮލިކް ރެކޯޑްސް އިން އާ އަލްބަމެއް ނެރެން ތައްޔާރުވެއްޖެ އެވެ.
މާދަމާ ނެރެން ނިންމާފައިވާ މި އަލްބަމްގެ ނަމަކީ "ލޯބިވާ" އެވެ. މީގެ ޓްރެކް ލިސްޓް ވެސް ސިމްބޮލިކުން އާންމުކޮށްފައިވާ އިރު، އޭގައި 14 ލަވަ ހިމެނެ އެވެ. އެއީ ލޯބިވާ، ޝާހީ، އިހުސާސްތައް، ޕަރީ، ނޭވައޭ، ހިތުތެރޭގައި، ކުރަން ހުވާ، ހާ އުފާ، ޔާރޭ ކުރެހޭ، ފުރާނަ، ރާނީ، ކަލާ ފެނިފައި، އުލްފަތު އަދި ހަނގުރާމަ އެވެ.
"ލޯބިވާ" ގެ މި ހުރިހާ ލަވައެއްގެ ވެސް މައިގަނޑު އަޑުގެ ވެރިޔަކީ ސިމްބޮލިކްގެ ރަސްމީ އަޑު ކަމަށްވާ ޓޯއީ އެވެ. އެކަމަކު އޭނައާ އެކީ ބައެއް ލަވަތަކުގައި އެހެން ފަންނާނުންތަކެއް ހިއްސާވެފައިވާނެ އެވެ.
ސިމްބޮލިކްގެ ލަވަތައް އަަބަދު ވެސް ފާހަގަކުރެވެނީ އޭގެ ލަވަތައް ވަރަށް ތިލަކޮށް ގެނެސްދީ، ބުނަން ބޭނުންވާ އެއްޗެއް ވަރަށް ފަސޭހަ އިން ދޭހަވާ ގޮތަށް ގެނެސްދިނުމުގެ އިތުރަށް، ރާއްޖޭގެ އެ އިރެއްގެ ހާލަތަކާ ވެސް ގުޅުވައިގެން ގެނެސްދޭ ލަވަތަކެއްގެ ގޮތުގަ އެވެ.
ސިމްބޮލިކުން މި ފަހުން ނެރުނު އަލްބަމްތަކުގެ ތެރޭގައި "ބިންގަރާސް" ހިމެނެ އެވެ.