Last Updated: June 14, 09:27
Sunday, June 14, 2026
ޚަބަރު

ކުޑަގިރި ހެދީ ކުންފުނިތަކެއް ބަނގުރޫޓްކޮށްގެން

އިއްޔެ ހުޅުވި ކުޑަގިރި ޕިކްނިކް އައިލޭންޑަކީ ސަރުކާރުގެ ކުންފުނިތަކެއް ބަނގުރޫޓްކޮށްގެން ހެދި ތަނެއް ކަމަށް ވިދާޅުވެ، ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމު ފާޑު ވިދާޅުވެއްޖެ އެވެ.

ނައިފަރު ދާއިރާގެ މެމްބަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކުޑަގިރި އަކީ ރައީސްގެ ރިޔާސީ ވައުދެއް ނެތް ނަމަވެސް އެ ވައުދު ފުއްދައި ދެވުނީ ދައުރު ނިމެން މަސްކޮޅަކަށްވުމުން ކަމަށެވެ. އަދި ކުޑަގިރި އަކީ ސަރުކާރުގެ ހަތަރު ކުންފުންޏެއް ބަނގުރޫޓްކޮށްގެން ތަރައްގީކުރި ރަށެއް ކަމަށް ވެސް ޝިޔާމު ވިދާޅުވި އެވެ.

"ހަތަރު ކުންފުނި ބަނގުރޫޓްކޮށްގެން އެ ރަށް ނިންމީމާ ސޯލިހުގެ ސްލޯކަން ޔަގީންކޮށްދޭ،" އޭނާ ވިދާޅުވި އެވެ. "ރައީސް ޔާމީން ފަސް އަހަރުތެރޭ ބޮޑު ޝަހަރެއް ހިއްކައި ދިހަހާސް އާއިލާ އަށް ބޯހިޔާވަހިކަން ޔަގީންކޮށް ދެއްވި."

މާލޭން ފުރައިގެން ލޯންޗެއްގައި 15 ވަރަކަށް މިނިޓުން ދެވޭ ހިސާބުގައި ތަރައްގީކޮށްފައިވާ ކުޑަގިރި އަކީ ހިއްކައިގެން ތަރައްގީކުރި ދަތުރުދާން ހާއްސަ ރަށެކެވެ. އެ ރަށް ތަރައްގީކުރީ އެއީ އެމްޓީސީ އާއި އެޗްޑީސީ އާއި އެމްޑަބްލިއެސްސީ އާއި ފެނަކަގެ އިތުރުން ސްޓެލްކޯ ގުޅިގެންނެވެ.

ދަތުރުދާ މީހުންނަށް ބޭނުންވާނެ މައިގަނޑު ހުރިހާ ވަސީލަތްތަކާ އެކީ ކުޑަގިރި އިއްޔެ ހުޅުވި އިރު، އަށް ހެކްޓަރުގެ ރަށުގައި 1.5 ހެކްޓަރުގެ ފިނޮޅެއް ވެސް ހަދާފައިވެ އެވެ. ރަށް ބަލަހައްޓާ އޮފީހަކާއި މިސްކިތާއި ފާޚާނާ ބަރިއަކާއި، ކެފޭ އާއި ފިހާރަ އަދި ހަޓުތަކާއި ކުޅިވަރު ކުޅެވޭނެ ގިނަ ވަސީލަތްތައް ފަދަ އެތައް ކަމެއް އެ ރަށުން ލިބެން ހުންނާނެ އެވެ.

އެޗްޑީސީން ކުޑަގިރި މެނޭޖްކުރާ އިރު، އެ ރަށާ ކައިރިން ސްކޫލް ކުދިންނަށް ހާއްސަކޮށްގެން އިތުރު ކުޑަ ރަށެއް ތަރައްގީކުރަން ވެސް ސަރުކާރުން އޮތީ އެ ކުންފުންޏާ ހަވާލުކޮށްފަ އެވެ.