ދުނިޔޭގެ ބޮޑެތި މަޝްހޫރު ބައެއް ކުންފުނިތަކުން މިދިޔަ އަހަރުން ފެށިގެން މުވައްޒަފުން މަދުކުރަމުން ދާ އިރު، މި ލިސްޓަށް މަޝްހޫރު އައިޓީ ކުންފުނި، ޔާހޫ ވެސް އަރައިފި އެވެ.
އެ ކުންފުނިން ނިންމާފައި ވަނީ އެތަނުގެ އެޑް ޓެކް ޔުނިޓް ރިސްޓްރަކްޗްކުރަން ކުރާ މަސައްކަތުގެ ތެރެއިން އެ ޔުނިޓްގެ 50 ޕަސެންޓް މުވައްޒަފުން މަދުކުރާށެވެ. މި ބަދަލާ އެކީ ޔާހޫގެ އެޑް ޓެކް ޔުނިޓުން ގާތްގަނޑަކަށް 1،600 އެއްހާ މުވައްޒަފުންގެ ވަޒީފާ ގެއްލޭނެ އެވެ.
މިއީ މުޅި ކުންފުނީގެ މުވައްޒަފުންގެ ނިސްބަތަށް ބަލާ ނަމަ 20 ޕަސެންޓްގެ މަދުވުމެކެވެ.
މި ނިންމުމާ ބެހޭ ގޮތުން ޔާހޫގެ ސީއީއޯ ޖިމް ލެންޒޯން ވިދާޅުވީ މުވައްޒަފުން މަދުކުރަން ނިންމީ މާލީ މާ ބޮޑެތި ގޮންޖެހުންތަކަކާ ހެދި ނޫން ކަމަށެވެ. އެކަމަކު މިފަދަ ފިޔަވަޅެއް އަޅަން ނިންމީ ކުންފުނީގެ އިޝްތިހާރު ވިޔަފާރިން ލިބޭ ފައިދާ ދަށްވެފައިވާތީ އެ ޔުނިޓަށް މުހިއްމު ބަދަލުތަކެއް ގެންނަން ކަމަށް ވިދާޅުވި އެވެ.

"އެޑް ވިޔަފާރީން ލިބޭ އާމްދަނީ ދަށްވެފައިވާތީ މިހާރުގެ އެންމެ ބޮޑު އަމާޒަކީ ނުވަތަ ސްޓްރެޓެޖީ އަކީ ކުންފުންޏަށް އާމްދަނީ ބޮޑަށް ވަންނަ ދާއިރާތަކަށް މިހާރަށް ވުރެ ބޮޑަށް އިންވެސްޓްކުރުން." ޖިމް ވިދާޅުވި އެވެ.
ޔާހޫން މުވައްޒަފުންތަކެއް މަދުކުރަން ނިންމި އިރު، މިދިޔަ އަހަރަކީ ވެސް އެ ކުންފުންޏަށް ފައިދާވި އަހަރެކެވެ. އެގޮތުން އާމްދަނީގެ ގޮތުގައި ގާތްގަނޑަކަށް 8 ބިލިއަން ޑޮލަރު ލިބުނެވެ. މީގެ 29 އަހަރު ކުރިން އުފެދުނު ކުންފުނީގެ މުވައްޒަފުންގެ އަދަދު 8،500 އަށް ވުރެ ގިނަ އެވެ.
މި ފަހުން މުވައްޒަފުން މަދުކުރަން ނިންމި ކުންފުނިތަކުގެ ތެރޭގައި ޓްވިޓާ، ފޭސްބުކް ހިންގާ މެޓަ، ނެޓްފްލިކްސް، އެމެޒޯން، ގޫގުލް ހިންގާ އަލްފަބެޓް، ޑިޒްނީ، ސްޕޮޓިފައި، ޕޭޕަލް އަދި ބޮއިން ފަދަ ކުންފުނިތައް ހިމެނެ އެވެ.