Last Updated: June 9, 06:10
Tuesday, June 9, 2026
ޚަބަރު

ކަނޑުން ފެނުނު ހަށިގަނޑުން ވަޅުލައިފި

ވ. އަތޮޅުގެ ސެޓެލައިޓް އިމެޖް-

ވ. އަތޮޅު ކަނޑުން ޖެނުއަރީ މަހު ފެނުނު ހަށިގަނޑުން ސާމްޕަލް ނެގުމަށްފަހު ވަޅުލާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ވ. އަތޮޅު ވެމްޕަރު ފަޅު ހުޅަނގު އުތުރު ކަނޑުން އިންސާނެއްގެ ހަށިގަނޑު ފެނިފައިވަނީ ޖެނުއަރީ 2 ވަނަ ދުވަހުއެވެ.

އެކަމާ ގުޅިގެން ފުލުހުން މިއަދު ބުނެފައިވަނީ، އެ ހަށިގަނޑުން ފުލުހުންގެ ތަހުގީގަށް ބޭނުންވާ ސާމްޕަލް ނެގުމަށްފަހު ހަށިގަނޑު ވަޅުލާފައިވާ ކަމަށެވެ.

"މައްސަލަ ދަނީ ތަހުގީގު ކުރަމުން." ފުލުހުން ބުނެފައިވެއެވެ.

މި ހަށިގަނޑު ފެނިފައިވަނީ ވިލިމާލެއިން ތެޔޮބޯޓެއްގައި ފުރި ދެ މީހަކު ގެއްލިގެން ހޯދަމުން ދަނިކޮށެވެ. އޭރު ގެއްލިގެން ހޯދަމުން ގޮސްފައިވަނީ ގދ. ތިނަދޫ / މަނާރު، އުމުރުން 45 އަހަރުގެ މުޙައްމަދު ނިޒާމް އާއި ބަންގްލަދޭޝް ރައްޔިތެއް ކަމުގައިވާ އުމުރުން 35 އަހަރުގެ މޮހައްމަދު ލިޓަން ނަމަކަށް ކިޔާ މީހެކެވެ.

އޭގެތެރެއިން ނިޒާމް ފަހުން މާލެއިން ފެނިފައިވާއިރު ފުލުހުން ވަނީ، މަރުގެ މައްސަލައެއްގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރުކޮށް ބަންދު ކޮށްފައެވެ. އެހެންނަމަވެސް އެ މައްސަލައިގައި އިތުރު އެއްވެސް ތަފުސީލެއް ފުލުހުން އަދިވެސް ހާމަކޮށްފައެއް ނުވެއެވެ.

މި ހާދިސާގައި ގެއްލުނު ބަންގްލަދޭޝްގެ މީހާގެ ހަށިގަނޑު އަދިވެސް ފެނިފައެއް ނުވެއެވެ.