Last Updated: July 27, 12:02
Monday, July 27, 2026
މުނިފޫހިފިލުވުން

"ބިގް ބޮސް 16" ގެ ފިނާލޭ މިރޭ

ކަލާޒްގެ ރިއަލިޓީ ޝޯ، "ބިގް ބޮސް" ސީޒަން 16 ގެ ފިނާލޭ މިރޭ ގެނެސްދޭން ތައްޔާރުވެއްޖެ އެވެ.

ވަރަށް ކުލަ ގަދަކޮށް މިރޭ ގެނެސްދޭ ފިނާލޭ އެޕިސޯޑް ފަށާނީ ރާއްޖެ ގަޑިން 6:30 ގަ އެވެ.

އިންޑިއާގެ އެންމެ މަގުބޫލު ޓީވީ ޝޯތަކުގެ ތެރޭގައި ހިމެނޭ "ބިގް ބޮސް" ގެ 16 ވަނަ ސީޒަންގެ ގަދަ ފަހެކީ ޓީވީ އެކްޓަރުން ކަމަށްވާ ޝާލިން ބެނޮޓާއި ޕްރިޔަންކާ ޗަހާރު ޗައުދަރީގެ އިތުރުން ރެޕާ އެމްސީ ސްޓޭން އާއި އިންޑިއާގެ ރީތީގެ ތަފާތު މުބާރާތްތަކެއް ކާމިޔާބުކޮށްފައިވާ އަދި ސިޔާސީ ދާއިރާ އިން ކުރިއަށް ދާން ބޭނުންވާ އަރްޗަނާ ގޯތަމްގެ އިތުރުން "ބިގް ބޮސް މަރާޓީ" ސީޒަން ދޭއް ކާމިޔާބާކުރި ޝިވް ތާކްރޭ އެވެ.

ގިނަ ބަޔަކު ލަފާކޮށްފައިވާ ގޮތުގައި "ބިގް ބޮސް 16" ގެ ޓްރޮފީ އުފުލައިލާނީ ޕްރިޔަންކާ އާއި ޝިވްގެ ތެރެއިން ކޮންމެވެސް އެކެކެވެ. މި ސީޒަންގެ އެންމެ ގަދަ ދެ ބައިވެރިންގެ ގޮތުގައި ގިނަ ބަޔަކު ފާހަގަކުރަނީ ވެސް އެ ދެ މީހުންނެވެ. އެހެންވެ ޓްރޮފީގެ ގަދަހިފުމަކީ ވެސް ޝިވް އާއި ޕްރިޔަންކާ ކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ. އަދި "ބިގް ބޮސް 16" ފޮލޯކުރަމުން އަންނަ ވަރަށް ގިނަ ބަޔަކު ބުނާ ގޮތުގައި މި ފަހަރުގެ ސީޒަންގެ ޓްރޮފީ އެންމެ ހައްގީ ޕްރިޔަންކާއަށެވެ.

ކޮންމެއަކަސް މިރޭ ޓްރޮފީ އުފުލައިލާނެ ބައިވެރިޔަކު ފެނިގެންދާނެ އެވެ. އެހެންވެ އޮޮތީ މިރޭގެ އެޕިސޯޑަށް އިންތިޒާކުރުމެވެ.

"ބިގް ބޮސް 16" ދައްކަން ފެށީ މިދިޔަ އަހަރުގެ އޮކްޓޯބަރު 1 ގަ އެވެ. ޝޯ ފެށީ 17 ބައިވެރިންނާ އެކީގަ އެވެ. މި ޝޯގެ ހޯސްޓަކީ މަޝްހޫރު ތަރި ސަލްމާން ޚާނެވެ.

"ބިގް ބޮސް 15" ވަނަ ސީޒަން ކާމިޔާބުކުރީ ޓީވީ ބަތަލާ ތޭޖާސްވީ ޕްރަކާޝް އެވެ.