Last Updated: July 16, 13:57
Thursday, July 16, 2026
ކުޅިވަރު

ކެނެޑާގެ ގައުމީ އަންހެން ޓީމް އިހުތިޖާޖަކަށް

ކެނެޑާގެ ގައުމީ އަންހެން ފުޓްބޯޅަ ޓީމް ކުޅުންތެރިންގެ މުސާރަ އާއި ޓީމަށް ކަނޑައަޅާ ފަންޑް ފިރިހެން ކުޅުންތެރިންގެ މުސާރަ އާއި ފިރިހެން ޓީމަށް ކަނޑައަޅާ ފަންޑްގައި ފަަރަގު ގެންގުޅޭތީ އެކަމާ ދެކޮޅަށް އަންހެން ޓީމް އިހުތިޖާކުރަން ނިންމައިފި އެވެ.

ޓީމުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ކަންބޮޑުވުންތަކަށް ހަައްލެއް ހޯދައި ނުދެނީސް އެއްވެސް މުބާރާތެއްގައި އެ މީހުން ގައުމު ތަމްސީލު ނުކުރާނެ ކަމަށެވެ. ގައުމީ އަންހެން ފުޓްބޯޅަ ޓީމް މުސާރައިގެ ފަރަގާ ހެދި އިހުތިޖާޖަކަށް ދާން ނިންމި އިރު، އަންނަ ބުރާސްފަތި ދުވަހު އެމެރިކާގައި ފަށާ "ޝީ ބިލީވްސް ކަޕް" ގައި ކެނެޑާ ޓީމް، އެމެރިކާއާ ދެކޮޅަށް ނުކުންނަން ވެސް ހަމަޖެހިފައިވެ އެވެ.

ގައުމީ ފެންވަރުގައި ކެނެޑާގައި ފުޓްބޯޅަ ކުޅޭ އަންހެން ކުޅުންތެރިންނާއި ފިރިހެން ކުޅުންތެރިންގެ މެދުގައި މުސާރައިގެ ފަރަގު ގެންގުޅޭތީ މީގެ ކުރިން ވެސް އަންހެން ޓީމުން ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ. ޓީމް އިހުތިޖާޖަކަށް ދާން ނިންމުމާ ބެހޭ ގޮތުން ކެޕްޓަން ކްރިސްޓީން ސިންކްލެއާ ބުނީ ދެ ޖިންސުގެ މެދުގައި ފަރަގު ގެންގުޅުމަކީ ހައްގުތަކަށް ވެސް އަރައިގަތުން ކަމަށެވެ.

"އެހެންވެ އަހަރެމެން މިހާރު ނިންމައިގެން މި ތިބީ ގައުމު ތަމްސީލުކުރަން އެއްވެސް މެޗެއްގައި ނުކުޅެން. އެ ހެޔޮ ރަސްމީ މެޗަކަށް ވިޔަސް ނުވަތަ ޓްރެއިނިންއަކަށް ވިޔަސް އޭގައި ކުޅުންތެރިން ބައިވެރިއެއް ނުވާނެ،" ކްރިސްޓީން ބުންޏެވެ. "އަހަރެމެން ކުޅެން ނުކުންނާނީ ކަންބޮޑުވުންތައް ހައްލުކޮށް ދިން އިރަކުން."

އޭނަ ބުނި ގޮތުގައި މިކަމާ އަންހެން ކުޅުންތެރިން ވަކާލާތު ކުރާތާ އެތައް ދުވަހެކެވެ. އެހެންވެ މިހާރު ފުދިއްޖެ ކަމަށާއި ދެން އޮތީ ދެ ޖިންސުގެ މެދުގައި ގެންގުޅޭ ފަރަގު ކަމާބެހޭ ފަރާތްތަކުން ނައްތައިލަ ދިނުން ކަމަށް ބުންޏެވެ.

"މި ނިންމުމަކީ ކުޅުންތެރިންނަށް އުނދަގޫ ކަމަކަށް ވިޔަސް މި ނޫން ގޮތެއް މިހާރަކު ނެތް." ކްރިސްޓީން ބުންޏެވެ.

ގައުމީ އަންހެން ޓީމްގެ ނިންމުމާ ގުޅިގެން ކެނޭޑިއަން ސޮކާ ޕްލެޔާސް އެސޯސިއޭޝަން (ސީއެސްޕީއޭ) އިން ނެރުނު ބަޔާނެއްގައި ބުނީ އަންހެން ޓީމާ މެދު ގެންގުޅޭ ތަފާތުކުރުންތަކާ ހެދި ކަންބޮޑުވާ ކަމަށެވެ. އެހެންވެ އަންހެން ޓީމްގެ ޑިމާންޑަށް މިހާރުން މިހާރަށް އިޖާބަ ދޭން ކަމާބެގޭ ފަރާތްތަކަށް ގޮވާލާފައިވެ އެވެ.

"ކުރިއަށް އޮތް އަންހެން ވޯލްޑް ކަޕް ކާމިޔާބުކުރުމަށްޓަކައި ވެސް އަންހެން ޓީމްގެ ކަންބޮޑުވުންތަކަށް ހައްލެއް ހޯދައި ދޭން ޖެހޭ."ސީއެސްޕީއޭ އިން ބުންޏެވެ.

ފީފާގެ އަންހެން ވޯލްޑް ކަޕް ބާއްވަން ހަމަޖެހިފައި ވަނީ ޖުލައި 20 އިން އޮގަސްޓް 20 އަށެވެ. މުބާރާތް އޮންނާނީ އޮސްޓްރޭލިއާ އާއި ނިއު ޒީލެންޑްގަ އެވެ.