Last Updated: July 27, 12:02
Monday, July 27, 2026
މުނިފޫހިފިލުވުން

މި ފޮޓޯ އިން މަދުވަނީ ސާރާ

މިއޮތީ ބޮލީވުޑްގެ ތަރި ސައިފް އަލީ ޚާންގެ ވަރަށް އާއިލީ ފޮޓޯއެކެވެ.

ކެއުމަކަށް އިންސާފުކުރަން އާއިލާގެ މެމްބަރުން ޖަމާވި މި ފޮޓޯ އިން ފެންނަ މީހުންގެ ތެރޭގައި ސައިފްގެ ކޮއްކޮ ބަތަލާ ސޯހާ އަލީ ޚާނާއި އޭނަގެ ދަރިފުޅު އިނާޔާ ކޭމޫގެ އިތުރުން މަންމަ ޝަރުމީލާ ޓެގޯރްގެ އިތުރުން އަންހެނުން ކަރީނާ ކަޕޫރް ހިމެނެ އެވެ. ސޯހާގެ ފިރިމީހާ އެކްޓަރު ކުނާލް ކޭމޫ ވެސް ހުރި ނަމަ ފޮޓޯ އިތުރަށް ފުރިހަމަވީހެވެ.

ފޮޓޯ އިން ސައިފްގެ ހަތަރު ކުދިންގެ ތެރެއިން ތިން ކުދިން ފެނެ އެވެ. އެއީ ކަރީނާ އަށް ލިބުނު ތައިމޫރާއި ޖަހާންގީރް (ޖޭ) ގެ އިތުރުން ސައިފްގެ ފުރަތަމަ ކައިވެންޏަށް ލިބުނު ފިރިހެން ދަރިފުޅު އިބްރާހީމް އަލީ ޚާނެވެ. ފޮޓޯގައި ކަރީނާ، ޖޭ އުރާލައިގެން ހުރި އިރު، ތައިމޫރް އިނީ މާމަގެ އުނގުގަ އެވެ.

މި އާއިލީ ފޮޓޯ އިން މަދުވާ އެންމެ ހާއްސަ މީހަކީ ސައިފްގެ ދޮށީ ދަރިފުޅު ބަަތަލާ ސާރާ އަލީ ޚާނެވެ. އޭނަ މި ވަގުތު ހުރީ ފިލްމެއްގެ ޝޫޓިން އަށް އިންޑިއާ އިން ބޭރުގަ އެވެ. ސާރާ އާއި އިބްރާހީމްގެ މަންމަ އަކީ "ބޭތާބް" ފަދަ ފިލްމުތައް ކުޅުނު ބަތަލާ އަމްރިތާ ސިންގް އެވެ.

ސައިފްގެ މި އާއިލީ ފޮޓޯ އިން ސާރާ ފެންނަން ނެތަސް ކުރިން ހަތަރު ދަރިންނާ އެކީ ސައިފް ފެންނަ ފޮޓޯއެއް ސާރާ 2021 ގައި އިންސްޓަގްރާމްގައި ޕޯސްޓްކޮށްފައިވެ އެވެ. އިބްރާހީމް ވެސް މިހާރު އަންނަނީ އާއިލާގެ އެހެން މެމްބަރުން ގޮތަށް އެކްޓިން އަށް ނުކުންނަން ތައްޔާރުވަމުންނެވެ.

އަނެއްކޮޅު ކުރީގެ މަޝްހޫރު ބަތަލާ ޝަރުމީލާ ވަރަށް ގިނަ ދުވަސް ފަހުން ކުޅުނު ފިލްމު "ގުލްމޯހަރް" އަންނަ މަހުގެ 3 ގައި ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ޕްރީމިއާކުރާނެ އެވެ. އޭގެ ޓްރެއިލާ އިއްޔެ ނެރެފައިވެ އެވެ.