ރަސްމީ ދަތުރުފުޅެއްގައި ނައިބުރައީސް ފައިސަލް ނަސީމް ޔޫއޭއީއަށް ފުރާވަޑައިގެންފިއެވެ.
ނައިބު ރައީސް ޔޫއޭއީއަށް ކުރައްވާ ދަތުރުފުޅަކީ މިމަހުގެ 13 އިން 15 އަށް ބާއްވާ ވޯލްޑް ގަވަރމަންޓް ސަމިޓް 2023 ގައި ބައިވެރިވެ ވަޑައިގެންނެވުމަށް ކުރައްވާ ދަތުރުފުޅެކެވެ.
މިއަހަރުގެ ސަމިޓު ކުރިޔަށް ގެންދާނީ މުޅި އިންސާނިއްޔަތަށް ރަނގަޅު މުސްތަޤްބަލެއް ހޯދުމަށް އަމާޒުހިފާފައިވާ މައިގަނޑު 6 ތީމެއް ކަނޑައަޅައިގެން ކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ. މި ސަމިޓުގައި ދުނިޔޭގެ އެކިކަންކޮޅުތަކުން ލީޑަރުންނާއި، ބައިނަލްއަޤްވާމީ މާހިރުންނާއި، ނިންމުންތައް ނިންމަވާ ފަރާތްތައް އެއްތަނަކަށް އެއްވެ، ހިޔާލުބަދަލުކޮށް، މުސްތަޤްބަލަށް މުހިންމުވާނެ ތަރައްޤީގެ ސިޔާސަތުތަކާއި މޮޑެލްތައް އެކުލަވާލުމަށް ބޭނުންވާ ހިޔާލާއި މަޝްވަރާތައް ކުރިޔަށްގެންދަވާނެއެވެ.
މި ސަމިޓުގެ ފިއުޗަރ އޮފް ވޯކް ފޯރަމްގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ތަޤްރީރުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ދިވެހި ސަރުކާރާއި ޔޫއޭއީ ސަރުކާރާއި ދެމެދު މިދިޔަ އަހަރު ސޮއިކުރި އެއްބަސްވުމުގެ ދަށުން "މޯލްޑިވްސް ލީޑަރޝިޕް ޕްރޮގްރާމް" އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި އެމަނިކުފާނު ބައިވެރިވެވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށްވެސް ރައީސް އޮފީހުން މައުލޫމާތުދެއެވެ.
މިދަތުރުފުޅަކީ ޔޫއޭއީ ގެ ބޮޑުވަޒީރު، މިނިސްޓަރ އޮފް ޑިފެންސް، އަދި ދުބާއީގެ ވެރިޔާ ޝައިޚް މުޙައްމަދު ބިން ރާޝިދު އަލް މަކްތޫމްގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެއް ކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ.