އިދިކޮޅު ޕީޕީއެމް ޕީއެންސީން މިފަހުން ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން ނޫސްވެރިންތަކަކަށް އަނިޔާވުމުން މޯލްޑިވްސް ބްރޮޑްކާސްޓިން ކޮމިޝަނުން ފުލުހުންގެ ހިދުމަތާ ބައްދަލުކޮށްފިއެވެ.
ބްރޮޑްކޮމްއިން ބުނެފައިވަނީ ވޭތުވެދިޔަ ހަފްތާގައި ބޭއްވި އެއްވުމެއް ފުލުހުން ރޫޅާލުމުގެ ތެރޭގައި ބައެއް ނޫސްވެރިންނަށް އަނިޔާވެފައިވާތީ، އެކަން ހިނގައި ދިޔަ ގޮތް ބެލުމަށް ފުލުހުންނާ މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
އަދި މިފަދަ ހާލަތްތަކުގައި ގުޅުންހުރި ފަރާތްތަކުން އަމަލުކުރަންޖެހޭ ގޮތް ދެނެގަތުމާ ބެހޭގޮތުން ފުލުހުންގެ އިދާރާއާ މަޝްވަރާކޮށްފައިވާ ކަމަށްވެސް ބްރޮޑްކޮމްއިން ބުނެފައިވެއެވެ.
މީގެއިތުރުން އެއްވުންތަކާއި މުޒަހަރާތައް ކަވަރުކުރާ ނޫސްވެރިންނަށް އަމާޒުކޮށް ދެ އިދާރާ ގުޅިގެން ވަރަށް ހާއްސަ ތަމްރީން ޕްރޮގްރާމެއް ހިންގުމާ ގުޅޭގޮތުންވެސް މަޝްވަރާކުރެއްވުނު ކަމަށް ބްރޮޑްކޮމްއިން މައުލުމާތުދެއެވެ.
ރިޔާސީ ބަޔާން އިއްވި ދުވަހު ކުރިއަށްގެންދިޔަ މުޒާހަރާ ކަވަރު ކުރުމުގައި ހަރަކާތްތެރި ދެ ނޫސްވެރިއަކަށް އަނިޔާވެ ފަރުވާދިނުމަށް ހޮސްޕިޓަލަށް ގެންދިޔައިރު، އޭގެތެރެއިން އެއް ނޫސްވެރިއަކަށް އިތުރު ފަރުވާދިނުމަށް ވަނީ ސްރީލަންކާއަށް ގެންގޮސްފައެވެ.