މިނިސްޓަރ އޮފް ހައުސިންގް ޕްލޭނިންގް އެންޑް އިފްރާސްޓަރަކްޗަރ މުހައްމަދު އަސްލަމް އައްޑޫއަށް ވަޑައިގެން ރަސްމީކޮށް މަސައްކަތް ފައްޓަވައިފިއެވެ.
މިނިސްޓަރ އަސްލަމަ ރޭގެ ވަގުތެއްގައި އައްޑޫސިޓީއަށް ވަޑައިގެންފައިވާއިރު އައްޑޫގެ މަގު ހެދުމުގެ މަޝްރޫޢުއާއި މިނިސްޓްރީގެ ދަށުން ހިނގާ އެހެން މަޝްރޫޢުތަކުގައި ތަފާތު އެކި މައްސަލަތައް ފެންމަތިވެ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. މިމައްސަލަތައް ހައްލު ކުރުމަށްޓަކައި އައްޑޫއަށް ވަޑައިގެން އައްޑޫގައި ދުވަސްކޮޅަކު މިނިސްޓްރީގެ މަސައްކަތްތައް ކުރައްވާނެ ކަމަށް އަސްލަމް ވަނީ ހާމަ ކުރައްވާފައެވެ.

މިގޮތުން މިނިސްޓަރ އަސްލަމް ރަސްމީކޮށް މަސައްކަތް ފަށާފައިވާއިރު، އައްޑޫގައި ކުރިއަށް ގެންދާ މަޝްރޫއުތަކާއި ގުޅޭގޮތުން އައްޑޫސިޓީ ކައުންސިލާއި ވަނީ ބައްދަލު ކުރައްވާފައެވެ. މީގެ އިތުރުން މަޝްރޫޢުތައް ކުރިއަށްދާ ގޮތް އެކި ސަރަހައްދުތަކަށް ވަޑައިގެން ދަނީ ބައްލަވަމުންނެވެ. މިގޮތުން މިއަދު ހިތަދޫގައި ކުރިއަށްދާ މަޝްރޫޢުތައް މިނިސްޓަރ ވަނީ ބައްލަވާލައްވާފައެވެ.
އައްޑޫގައި މިނިސްޓަރ މަސައްކަތް ކުރައްވާނެ ކިހާ ދުވަހަކަށް ހާމަކޮށްފައި ނުވެއެވެ. ނަމަވެސް ވަކި އަތޮޅަކަށް ނިސްބަތްވެގެން ތަރައްޤީގެ އަދި އެންމެ ގިނަ ޢުމްރާނީ މަސައްކަތް މިވަގުތު ހިނގަމުން ދަނީ އައްޑޫސީޓީގައެވެ. އެގޮތުން އައްޑޫގެ މަގު ހެދުމުގެ މަޝްރޫޢުގެ އިތުރުން، ބިން ހިއްކުމުގެ މަޝްރޫޢު ކުރިއަށް އެބަ ގެންދެއެވެ. އައްޑޫގައި މިވަގުތުވެސް 5 ބިލިއަނަށް ވުރެ ގިނަ ރުފިޔާގެ މަސައްކަތް ހިނގަމުންދާ ކަމަށް ސަރުކާރުން ހާމަކުރެއެވެ.

މިނިސްޓަރގެ މަސައްކަތުގެ ތެރެއިން، މަޝްރޫޢުތަކުގައި ދިމާވެގެން އުޅޭ މައްސަލަތަކަށް އަވަސް ހައްލެއް ހޯއްދައިވައިދެއްވާނެ ކަމަށް ސަރުކާރުން ވަނީ ހާމަކުރައްވާފައެވެ.