އައްޑޫގެ މަގު ހެދުމުގެ މަޝްރޫޢުގައި މަސައްކަތް ކުރަމުންދާ އިންޑިއާގެ އެފްކޮންސް މުވައްޒަފުން ޖެހިޖެހިގެން ދެވަނަ ދުވަހު މަސައްކަތަށް ނުނުކުމެ އިހްތިޖާޖު ކުރިއަށް ގެންދަމުން އެބަދެއެވެ.
އައްޑޫގައި މަސައްކަތް ކުރަމުންދާ އެފްކޮންސް ކުންފުނީގެ މުވައްޒަފުން މަސައްކަތައް ނުނިކުމެ އިހުތިޖާޖު ކުރަމުންދަނީ، ސީދާ ކޮން މައްސަލައެއްގައި ކަމެއް ރަސްމީ އިދާރާއަކުން ހާމަކޮށްފައި ނުވެއެވެ. ނަމަވެސް މުސާރައިގެ މައްސަލައިގެ އިތުރުން މުވައްޒަފެއްގެ ވިސާ މައްސަލަވެސް ޖެހިގެން މުއްވަޒަފުން އިހްތިޖާޖު ކުރިއަށްދާ ކަމަށް އައްޑޫ ލައިވް އަށް ވަނީ ކަށަވަރުވެފައެވެ.
އެފްކޮންސް ކުންފުނީގެ މުވައްޒަފުން އިހުތިޖާޖުގައި ދެވަނަ ދުވަސް މިއަދު ނިމޭއިރު، ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވަނީ އައްޑޫއަށް ވަޑައިގެން ރަސްމީކޮށް މަސައްކަތް ފައްޓަވާފައެވެ. މިމަސައްކަތުގެ ތެރެއިން އެފްކޮންސް ކުންފުނިން ކުރިއަށް ގެންދާ މަގު ހެދުމުގެ މަޝްރޫޢުގެ މަސައްކަތް ކުރިއަށްދާގޮތް މިނިސްޓަރ ވަނީ ބައްލަވާލައްވާފައެވެ.
މިމަސައްކަތް ކުރިއަށްދާ ގޮތް، ބައްލަވާލައްވަން މިނިސްޓަރ އަސްލަމް ވަޑައިގެންނެވީ އެފްކޮންސް ކުންފުނީގެ ފަރާތުން އައްޑޫގައި ހަރަކާތްތެރިވާ އިސް ފަރާތްތަކާއެކުގައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެފަރާތްތަކާއި ބައްދަލު ކުރައްވާ މުވައްޒަފުންގެ މައްސަލަ ހައްލުކޮށް މަސައްކަތައް އަވަހަށް ނެރުމަށް މިނިސްޓަރ ވަނީ ބާރު އަޅުއްވާފައެވެ.