ކޮވިޑްގެ ބަލިމަޑު ކަމަށް ފަހު ރާއްޖޭގެ ބޯޑަރު ހުޅުވި ފަހުން އެއް ދުވަސްތެރޭ ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން އައީ އިއްޔެ ކަމަށް ޓުއަރިޒަމް މިނިސްޓްރީން ބުނެފި އެވެ.
އެ މިނިސްޓްރީން މިކަން ހާމަކޮށްކޮށްފައިވާ ޓްވީޓެއްގައި ބުނީ، 2020 ވަނަ އަހަރު ކޮވިޑާ އެކު ރާއްޖޭގެ ބޯޑަރު ބަންދު ކުރުމަށް ފަހު އެންމެ ގިނަ ޓޫރިސްޓުން އެއް ދުވަހެއްގެ ތެރޭ އައުމުގެ ރެކޯޑު އީއްޔެ ގާއިމްކޮށްފައިވާ ކަމަށެވެ. އެގޮތުން އިއްޔެ ރާއްޖެ އަށް 8،028 ޓޫރިސްޓުން ވަނީ އައިސްފައެވެ. މީގެ ކުރިން މި ރެކޯޑު ގާއިމުކޮށްފައި ވަނީ މިދިޔަ އަހަރު ފެބްރުއަރީ މަހުގެ 12 ވަނަ ދުވަހު އެވެ. އޭރު އެއް ފަހަރާ 7،768 ޓޫރިސްޓުން ރާއްޖެ ވަނީ ޒިޔާރަތްކޮށްފައިވެ އެވެ.
On 11th Feb 2023 Maldives welcomed 8028 tourists. It's a #NewRecord of Tourist Arrivals on a single day since borders reopened in 2020. Congratulations to travel and tourism industry partners and all the stakeholders on this milestone of #Maldives Tourism.
— Ministry of Tourism (@MoTmv) February 12, 2023
އެވްރެޖްކޮށް މި މަހުގެ 11 އާ ހަމައަށް ދުވާލެއްގެ މައްޗަށް 6،190 ޓޫރިސްޓުން ރާއްޖެ ވަނީ ޒިޔާރަތްކޮށްފަ އެވެ. މިދިޔަ މަހު އެވެރޭޖްކޮށް ރާއްޖެ ޒިޔަރާތްކޮށްފައި ވަނީ 5،566 ޓޫރިސްޓުންނެވެ.
ޓުއަރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިއަހަރު މިހާތަނަށް 124،767 ޓޫރިސްޓުން ރާއްޖެ އަށް ޒިޔަރަތްކޮށްފައިވެ އެވެ. އެއީ މިދިޔަ މަހު އައި 92،103 ޓޫރިސްޓުންނާއި މި މަހުގެ މިހާތަނަށް 32،664 ޓޫރިސްޓުންނެވެ.
މިދިޔަ އަހަރު ޖުމްލަ 1.6 މިލިއަން ޓޫރިސްޓުން ރާއްޖެ ޒިޔަރާތްކޮށްފައިވާ އިރު، މި އަހަރު ސަރުކާރުގެ އަމާޒަކީ 1.8 މިލިއަން ޓޫރިސްޓުން ގެނައުމެވެ.