Last Updated: July 27, 11:42
Monday, July 27, 2026
މުނިފޫހިފިލުވުން

ޒީނަތު އިންސްޓަގްރާމަށް

ހިންދި ސިނަމާގެ ކުރީގެ މަޝްހޫރު ބަތަލާ ޒީނަތު އަމަން އިންސްޓަގްރާމް ބޭނުން ކުރަން ފަށައިފި އެވެ.

އުމުރުން މިހާރު 71 އަހަރުގެ ބަތަލާ އަމިއްލަ ފޮޓޯއެއްގެ ދެ ޕޯސްޓެއްކޮށްފައިވެ އެވެ. އޭނަގެ ފޮލޯވަރުންގެ އަދަދު އަދި އުޅެނީ 2،700 ގަ އެވެ. ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ ޒީނަތަކީ 70 ގެ ތެރޭގައި ފެޝަން އައިކަންއެއްގެ ގޮތުގައި ވެސް މަޝްހޫރުވި ބަތަލާއެކެވެ. ހުޅަނގުގެ ފެޝަނާއި ފަން ދިގު އިސްތަށުގަނޑަކީ އޭރު ޒީނަތު ގެނެސްދިން ވަރަށް މަގުބޫލުވި ޓްރެންޑެކެވެ.

ދެ ކުދިންގެ މަންމަ ޒީނަތަކީ ރީތީގެ މުބާރާތްތައް ކަމަށްވާ ފެމިނާ މިސް އިންޑިއާ އާއި މިސް އޭޝިއާ ޕެސިފިކް އިންޓަނޭޝަނަލްގެ ޓައިޓްލް ވެސް ހާސިލުކޮށްފައިވާ މީހެކެވެ.

އޭނަ ކުޅުނު މަޝްހޫރު ބައެއް ފިލްމުތަކުގެ ތެރޭގައި "ދޯސްތާނާ"، "ޑޮން"، "ސަތިއަމް ޝިވަމް ސުންދަރަން"، "ގުރުބާނީ"، "ލަވާރިސް" އަދި "ޔާދޯން ކީ ބާރާތު" ފަދަ އެތައް ފިލްމެއް ހިމެނެ އެވެ. ޒީނަތަކީ މިހާރު ވެސް މަދުމަދުން ފިލްމުތަކުން ފެންނަ ބަތަލާއެކެވެ. އެގޮތުން އޭނަ އެންމެ ފަހުން ފެނިފައި ވަނީ އަރުޖުން ކަޕޫރާއި ކްރިތީ ސެނަންގެ 2019 ގެ "ޕާނިޕަތު" އިންނެވެ.

މި ފަހުން އިންޑިއާގެ އެކި ޗެނެލްތަކުން ގެނެސްދޭ ލަވަ ޝޯތަކުގައި ޒީނަތު މެހުމާނެއްގެ ގޮތުގައި ބައިވެރިކޮށް، ޓްރިބިއުޓް ވެސް ދެ އެވެ. އެގޮތުން ދާދި ފަހުން ސޮނީ ޓީވީގެ "އިންޑިއަން އައިޑޮލް 13" އިން ވެސް ރީތި ބަތަލާ ފެނިފައިވެ އެވެ.