Last Updated: June 29, 06:08
Monday, June 29, 2026
ރިޕޯޓް

އީސީސީ ކައުންސިލާ ހަވާލު ކުރަން މަޝްވަރާ ކުރަނީ

ހިތަދޫގައި އިމާރާތް ކޮށްފައިވާ އިކްއިޓޯރިއަލް ކޮންވެންޝަން ސެންޓަރ (އީސީސީ) އައްޑޫ ސިޓީ ކައުންސިލާއި ހަވާލުކުރުމަށް ސަރުކާރާއި އެކު އަންނަ ހަފްތާ ތެރޭ މަޝްވަރާ ކުރާނެކަމަށް ޑިފެންސް މިނިސްޓަރު އަދި ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ރައީސް ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

މިދިޔަ އެޕްރީލް މަހުގެ 25 ވަަނަ ދުވަހު އައްޑޫ ސިޓީ ކައުންސިލާ އެކު ނާޒިމް ބޭއްވި ބައްދަލުވުމެއްގައި އީސީސީ ބަލަހައްޓަން ކައުންސިލާއި ހަވާލު ކުރެއްވުމަށް ވިސްނަވާ ކަމަށް ވިދާޅުވެފައިވާތީ އެކަމާއި ގުޅިގެން "އައްޑޫ ލައިވް" އިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ނާޒިމް ވިދާޅުވީ އަންނަ ހަފްތާ ތަރޭ ސަރުކާރާއި މަޝްވަރާ ކުރައްވާނެ ކަމަށެވެ.

"އަޅުގަނޑު ދެންނެވީ އެކަމާއި، ސަރުކާރާއި މަޝްވަރާ ކުރައްވާނެކަމަށް. އަންނަ ހަފްތާ ތެރޭގައި އެކަމާއި މަޝްވަރާ ކުރާނަން." އޭނާ ވިދާޅުވި އެވެ.

އީސީސީ ނުބެލެހެއްޓި ތަން ވީރާނާ ވަމުންދާއިރު އެތަން ބެލެހެއްޓުން ހަވާލުވެފައިވަނީ ހައުސިން މިނިސްޓްރީ އާއި އެވެ. އެތަން ޓޫރިޒަމާއި ގުޅުން ހުރި ކަންކަމަށް އެތައް ފަހަރެއްގެ މަތިން ޓޫރިޒަމް މިނިސްޓްރީން ވަނީ ބިޑަށް ހުށަހަޅާފައެވެ. އަދި އެތަނަށް ބައެއް ފަރާތްތަކުން ޝައުގުވެރިކަން ފާޅުކުރިކަމަށް ޓޫރިޒމް މިނިސްޓްރީން ބުނެފައިވެއެވެ.

ނަމަވެސް އެތަނުގައި އަދި މިހާތަނަށް އެއްވެސް މަސައްކަތެއް ކޮށްފައިނުވާއިރު، މިހާރުގެ ރައީސް ޔާމީންގެ ސަރުކާރުން އެތަން ސިފަ ކުރަނީ "ބޭކާރު" އިސްރާފެއްގެ ގޮތުގައެވެ.