އެސްޓަން ވިލާ އަތުން 3-1 އިން މޮޅުވެ މެންޗެސްޓާ ސިޓީން ލީގުގެ އެއް ވަނައިގައި އޮތް އާސެނަލާ ގާތަށް ޖެހިލައިފި އެވެ.
އާސެނަލް އެއް ވަނައިގައި އޮތީ 21 މެޗުން 51 ޕޮއިންޓާ އެކު އެވެ. ދެ ވަަަނައިގައި އޮތް ސިޓީ އަށް ވަނީ 22 މެޗުން 48 ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި މެންޗެސްޓާ ޔުނައިޓެޑް އޮތީ 23 މެޗުން 46 ޕޮއިންޓް ހޯދައިގެންނެވެ.
ލީގުގައި ސިޓީން ދެން ބައްދަލުކުރާނީ އާސެނަލްއާ އެވެ. އެ މެޗުން މޮޅުވެއްޖެ ނަމަ ލީގުގެ އެއްވަނަ އަށް ސިޓީ އަރާނެ އެވެ.
ސިޓީގެ ދަނޑުގައި ކުޅުނު މި މެޗުގެ ހަތަރު ވަނަ މިނިޓްގައި ސިޓީން ލީޑުނެގީ ރިޔާދު މަހްރޭޒް ނެގި ކޯނަރަކުން ރޮޑްރީ ބޮލުން ޖެހި ގޯލުންނެވެ. މެޗުގެ 39 ވަނަ މިނިޓްގައި ސިޓީން ލީޑު ފުޅާކުރީ އާލިން ހާލަންޑް ދިން ބޯޅައަކުން އިލްކާއި ގުންޑޮގާން ޖެހި ގޯލުންނެވެ.
ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ސިޓީގެ ތިން ވަނަ ގޯލު ޖެހީ އެސްޓަން ވިލާގެ ޖެކޮބް ރަމްސީ އޭރިއާތެރެއިން ސިޓީގެ ޖެކް ގްރީލިޝް އަށް ކުރި ފައުލަކަށް ދިން ޕެނަލްޓީ އަކުން މަހްރޭޒް އެވެ. އެސްޓަން ވިލާގެ ހަމައެކަނި ގޯލު މެޗުގެ 61 ވަނަ މިނިޓްގައި ސިޓީގެ ބަނާޑޯ ސިލްވާ ހެދި ގޯހެއްގެ ފައިދާ ނަގައި ކާމިޔާބުކޮށްދިނީ އޮލީ ވަޓްކިންސް އެވެ.
ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ޔުނައިޓެޑުން ވަނީ ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-0 އިން ކުރި ހޯދާފަ އެވެ. ޔުނައިޓެޑްގެ ދެ ގޯލު ކާމިޔާބުކޮށްދިނީ މާކަސް ރަޝްފޯޑް އާއި އަލެހަންޑްރޯ ގާނާޗޯ އެވެ.