ވިޔަރެއާލް 1-0 އިން ބަލިކޮށް ސްޕެނިޝް ލީގުގެ އެއްވަނައިގައި ބާސެލޯނާ އިން 11 ޕޮއިންޓްގެ ލީޑެއް ނަގައިފި އެވެ.
ލީގުގެ އެއްވަނައިގައި ބާސާ މިހާރު އޮތީ 21 މެޗުން ލިބުނު 56 ޕޮއިންޓާ އެކު އެވެ. ދެވަނައިގައި 20 މެޗުން ލިބުނު 45 ޕޮއިންޓާ އެކު ރެއާލް މެޑްރިޑް އޮތްއިރު ތިންވަނައިގައި 20 މެޗުން ލިބުނު 39 ޕޮއިންޓާ އެކު އޮތީ ރެއާލް ސޮސިއެޑާޑް އެވެ.
ވިޔަރެއާލްގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު މެޗުގެ 18 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ޕެޑްރީ އެވެ. ރޮބަޓް ލެވެންޑޯސްކީ ދިން ޕާހަކުން މި ގޯލު ޕެޑްރީ ކާމިޔާބު ކުރީ ވިޔަރެއާލްގެ ޕެނަލްޓީއޭރިއާ ތެރެއަށް ވަދެ ފޮނުވާލި ހަމަލާއަކުންނެވެ.
ފުރަތަމަ ހާފްގެ ފަހު ވަގުތުކޮޅުތެރޭ ނަތީޖާ އެއްވަރުކޮށްލަން ވިޔަރެއާލްގެ އެލެކްސް މޮރާލޭސް އަށް މުޅިން ހުސް ފުރުސަތެއް ލިބި ބޭކާރުވެފައިވެ އެވެ. އެގޮތުން ބާސާގެ ޕެނަލްޓީއޭރިއާ ތެރެއަށް ހުހަށް ވަދެ މޮރާލޭސް ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ އަރިމަތީ ދާގަނޑަށެވެ.
ބާސާގެ ލީޑު ފުޅާކޮށްލަން ދެވަނަ ހާފްގައި ރަފީނިޔާ އަށް ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް އޭނާ ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ ކުޑަތަންކޮޅެއް ބޭރުންނެވެ.
މިއީ ލީގުގައި ބާސާ އިން ޖެހިޖެހިގެން ހޯދި ހަވަނަ މޮޅުކަން ފާހަގަކޮށްލެވެ އެވެ.