Last Updated: June 23, 20:16
Tuesday, June 23, 2026
ޚަބަރު

ޖާބިރު ޑީއާރްޕީ އެއްކޮށް ދޫކޮށްލައިފި

އުވައިލަން ނިންމާފައިވާ ޕާޓީ، ޑީއާރްޕީގެ މެމްބަރުކަމުންނާއި ލީޑަރުކަމުން ވެސް ޕާޓީގެ ހިންގަވަމުން ގެންދެވި އަބްދުﷲ ޖާބިރު ވަކިވަޑައިގެންފި އެވެ.

ކާށިދޫ ދާއިރާގެ މަޖިލިސް މެމްބަރުގެ ގޮތުގައި ވެސް ހުންނެވި ޖާބިރު ޕާޓީ އެއްކޮށް ދޫކޮށްލެވި އިރު، އާ ޕާޓީއެއް އުފައްދަވާނެ ކަމަށް ދާދި ފަހުން ވިދާޅުވެފައިވެ އެވެ.

އިލެކްޝަން ކޮމިޝަން (އީސީ) ގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވެސް ވަނީ ޖާބިރު ޕާޓީ ދޫކޮށްލެއްވިކަން ކަށަވަރުކޮށް ދެއްވައިފަ އެވެ. މިކަމާ ގުޅިގެން އެ ކޮމިޝަނުން ބުނީ ސިޔާސީ ޕާޓީތަކުގެ މާލީ ކަންކަމާއި ޕާޓީތަކުގެ ދަރަންޏަށް ޒިންމާވާން ޖެހޭ ފަރާތެއް ސިޔާސީ ޕާޓީގެ ގާނޫނުގައި ކަނޑައެޅިފައި އޮތުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. މިހާރު ގާނޫނު އޮތްގޮތުން ސިޔާސީ ޕާޓީއެއް އުވައިލާ އިރު، އެ ޕާޓީއެއްގެ ދަރަންޏަށް ޒިންމާވާން ޖެހޭ ފަރާތެއް ބަޔާންކޮށްފައެއް ނުވެ އެވެ.

ޑީއާރްޕީ އަކީ ދަރަނީގެ މައްސަލަ ގިނަ ޕާޓީއެކެވެ.

އެ ޕާޓީ އުވައިލަން އީސީން ނިންމީ ގާނޫނުގައި ބުނާ މިންވަރަށް މެމްބަރުން ހަމަނުވާތީ އެވެ. އެހެންވެ 3،000 މެމްބަރުން ހަމަނުވާތީ ޕާޓީ އުވައިލަން ނިންމައި ސިޔާސީ އެއްވެސް ހަރަކާތެއް ނުހިންގަން ވެސް އޮތީ ޑީއާރްޕީ އަށް އަންގައިފަ އެވެ. އަދި މި މައްސަލަ ހައި ކޯޓަށް ހުށަހެޅުމުން ބޭރުކޮށްލުމުން އަނެއްކާ މިދިޔަ ހަފުތާގެ ތެރޭގައި ވަނީ ދުސްތޫރީ މައްސަލައެއްގެ ގޮތުގައި އެ މައްސަލަ ކޯޓަށް ހުށަހަޅައިފަ އެވެ.

ޑީއާރްޕީ އަކީ ރާއްޖޭގެ ސިޔާސީ ޕާޓީތައް ހަދަން ގާނޫނުން ލިބުނު ފުރުސަތަކާ އެކީ އުފެއްދި ދެވަނަ އަށް އަދި ކުރީގެ އެންމެ ބޮޑު އެއް ޕާޓީ އެވެ. ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އިސްކޮށް ހުންނަވައިގެން ޑީއާރްޕީ އުފެއްދެވީ ޖުލައި 21، 2005 ގަ އެވެ. އެގޮތުން 2008 ގައި މަލްޓީ ޕާޓީ ރިޔާސީ އިންތިހާބުގައި މައުމޫން އެންމެ ފަހުން ވެރިކަމަށް ވާދަކުރެއްވީ ވެސް ޑީއާރްޕީގެ ކެންޑިޑޭޓެއްގެ ގޮތުގަ އެވެ.

ޖާބިރު މިދިޔަ މަހު ވިދާޅުވެފައިވާ ގޮތުގައި އޭނަ އަލަށް އުފައްދަން އުޅުއްވާ ޕާޓީ އަށް ކިޔާނީ ގްރީން ޕާޓީ އޮފް މޯލްޑިވްސް (ޖީޕީއެމް) އެވެ.