ސަލްމާން މިސްކިތުގައި އޭސީގެ މައްސަލަ ދިމާވަނީ ލޮނުގެ އަސަރުކުރާތީ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވިދާޅުވެއެވެ.
މިނިސްޓަރު ޒާހިރު މިފަދައިން ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ސަލްމާން މިސްކިތުގެ އޭސީގެ މައްސަލަ ހައްލުނުކުރެވި ގިނަ ދުވަސްވާތީ އެކަމަށް ދާއިމީ ހައްލެއް ހޯދޭނީ ކިހާ ދުވަހަކުންތޯ ކުރި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.
އެގޮތުން ޖަވާބު ދެއްވަމުން މިނިސްޓަރު ޒާހިރު ވިދާޅުވީ ސަލްމާން މިސްކިތުގެ އޭސީގެ މައްސަލަ ފުރަތަމަ ދިމާވީ އޮގަސްޓް މަހުގެ ތެރޭގައި ކަމަށާއި އެކަމަށް ހައްލު ހޯދުމަށް ކޮންޓްރެކްޓަރާ ވާހަކަ ދައްކައިގެން 25 އޮގަސްޓްގައި އެ ބޭފުޅުން މާލެ ވަޑައިގެން އޭސީގެ މައްސަލަ ފުރަތަމަ ރަނގަޅުކުރި ކަމަށެވެ.
އޭގެފަހުން އޮކްޓޫބަރު މަހުގެ ތެރޭގައި ދެވަނަ ފަހަރަށް އޭސީގެ މައްސަލަ ދިމާވި ކަމަށާއި، އެފަހަރު 13 ނޮވެމްބަރުގައި ކޮންޓްރެކްޓަރާ އެކު އެއްބަސްވުމެއްވެގެން 23 ޖެނުއަރީގައި އެ މަސައްކަތް އަނެއްކާވެސް ފެށިކަމަށެވެ. އަދި މި މަހުގެ ކުރީކޮޅު އޭސީގެ މައްސަލަ ހައްލު ކުރެވިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"ސަލްމާން މިސްކިތުގެ އޭސީގެ މައްސަލަ އެންމެ ބޮޑަށް ދިމާވާ އެއްސަބަބަކީ، ލޮނުގެ އަސަރު ވަރަށް ބޮޑަށް ކުރޭ. އެއްޗެހި ދަބަރަށް ވެގެން ހަލާކުވަނީ. އެހެންވެގެން ދިމާވާ މައްސަލަތަކެއް މި މައްސަލަތަކަކީ." މިނިސްޓަރު ޒާހިރު ވިދާޅުވިއެވެ.
ސަލްމާން މިސްކިތުގެ އޭސީގެ މައްސަލަ ހައްލުނުވާތީ އެކަމާ ސުވާލު ކުރުމަށް މިނިސްޓަރު މަޖިލީހަށް ހާޒިރު ކޮށްފައިމިވަނީ އިއްޔެ އެ މިނިސްޓްރީން މިސްކިތުގެ އޭސީގެ މައްސަލަ ހައްލު ކޮށްފައިވާކަން ހާމަކޮށްފައިވަނިކޮށެވެ. އިސްލާމިކް މިނިސްޓްރީން އިއްޔެ ބުނެފައިވަނީ ސަލްމާން މިސްކިތުގެ އޭސީގެ މައްސަލަ މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ހައްލުކޮށްފައިވާ ކަމަށެވެ.