ރާއްޖެ އިން އިންޑިއާއާ އެކު އޮން ގުޅުމަށް "އޮންލީ އިންޑިއާ" ޕޮލިސީއޭ ކިޔައިގެން ދިވެހިން އަޅުވެތިކޮށްފައިވާ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމު ވިދާޅުވެއްޖެ އެވެ.
އެ ޕާޓީގެ ހުޅުމާލެ ދާއިރާގެ ރައީސް އަބްދުއް ސަމަދު އިންޑިއާ އިން ހިފަހެއްޓި ގޮތަށް "ވާނުވާއެއް" އެނގިފައި ނުވާ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށް، ނައިފަރުގެ ދާއިރާގެ މަޖިލިސް މެމްބަރު ކުރެއްވި ޓްވީޓެއްގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ޓެގް ކުރައްވައި ވިދާޅުވީ އިއްޔެ "ގެއްލުނީ" ސަމަދުބެ ކަމަށާއި މާދަމާ މި ސިހުމާ ބިރުވެރިކަން ތަހައްމަލުކުރަން ޖެހޭނީ ދިވެހި ކޮން އާއިލާއެއް ކަމެއް ނޭނގޭ ކަމަށެވެ.
"ޝާހިދު ވިދާޅުވާ ރާއްޖޭގެ 'ވަރުގަދަ' ޚާރިޖިއްޔާ އަކީ މިއީތޯ؟ 'އިންޑިޔާ އޮންލީ' ޕޮލިސީ ކިޔައިގެން ދިވެހިން އަޅުވެތިކޮށްފި،" ޝިޔާމު ވިދާޅުވި އެވެ. "ސަމަދުބެ މިހާރުން މިހާރަށް ހަވާލުކުރޭ."
އާއިލާއާ އެކީ ބޭސް ފަރުވާ އަށް ސަމަދު އިންޑިއާގެ ބެންގަލޫރުގައި ހުއްޓާ ހޮނިހޮރު ވަނީ އިންޑިއާގެ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ. އޭގެ ފަހުން އޭނަގެ އެއްވެސް ހަބަރެއްވެފައި ނުވާއިރު އެ މައްސަލަ ބަލަމުން އަންނަކަމަށް ފޮރިން މިނިސްޓްރީން އިއްޔެ ބުނެފައިވެ އެވެ.
މިކަމާ ގުޅިގެން ޕީޕީއެމް/ޕީއެންސީން ނެރުނު ބަޔާނެއްގައި ބުނީ ސަމަދު ފޭސްބުކަށް ލީ ވީޑިއޯއަކުން އެނގޭ ގޮތުގައި ޕާސްޕޯޓް މައްސަލައެއް އުޅޭ ކަމަށް ބުނެ އިންޑިއާގެ އިމިގްރޭޝަނަށް ހާޒިރު ކުރިކަން އެނގެން އެބަ އޮތް ކަމަށެވެ. އަދި އިންޑިއާ އިން އިއްޔެ މެންދުރު މާލެ އަންނަ ފްލައިޓަކުން މާލެ ފޮނުވާލާ ކަމަށް ސަމަދުގެ ގާތް ރަޙުމަތްތެރިންގެ ފަރާތުން މައުލޫމާތު ލިބުނު ނަމަވެސް އިއްޔެ އެއްވެސް ފްލައިޓަކުން މާލެ އައިސްފައި ނުވާ ކަމަށެވެ.
"އަބްދުއްސަމަދު ވީނުވީއެއް ނޭނގި ގެއްލުމާއި ގުޅިގެން މި ކޯލިޝަންގެ ފަރާތުން މިހާރު ވާނީ ފޮރިން މިނިސްޓްރީ އަށާއި ޖެންޑާ މިނިސްޓްރީއަށާއި ހިއުމަން ރައިޓްސް ކޮމިޝަނަށް ސިޓީ ފޮނުވާފައެވެ. އެގޮތުން އަބްދުއްސަމަދުއާ ބެހޭ މައުލޫމާތު އިންޑިއާ ސަރުކާރާ ގުޅިގެން ހޯއްދަވައި ދެއްވައި ސަމަދާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ވީ އެންމެ އަވަހަކަށް މި ޕާޓީއާ އި ހިއްސާކޮށް ދެއްވުމަށް އެދިފައިވާނެ." ބަޔާނުގައި ބުންޏެވެ.

ސަމަދު އިންޑިއާގެ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔައީ ދަރިފުޅު ބަލިވެގެން ހޮސްޕިޓަލަށް ދެއްކުމަށްޓަކައި ބެންގަލޫރުގެ މަނިޕާލް ހޮސްޕިޓަލްގައި ހުއްޓާ ކަމަށް އާއިލާއިން ބުނާ ކަމަށާއި އޭނަ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސް ވީނުވީއެއް ނޭނގި އާއިލާ އަށް ކުއްލި ސިހުމާއި ބިރުވެރިކަމާއި ކުރިމަތިލާން ޖެހިފައިވާ ކަމަށް ވެސް ބަޔާނުގައި ބުންޏެވެ.
ސަމަދު ހިމެނޭ އިދިކޮޅު ކޯލިޝަނަކީ ރާއްޖޭގައި "އިންޑިއާ އައުޓް" ކެމްޕޭން ހިންގާ ކޯލިޝަނެވެ. އަދި އެ ކޯލިޝަނަކީ އިންޑިއާ ވަރަށް ބޮޑަށް އެކި ކަންކަމުގައި ފާޑުކިޔަމުން އަންނަ ކޯލިޝަނެކެވެ.