ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ސައުދީގެ ހިލޭ އެހީގައި ބިނާކުރި ކިންގް ސަލްމާން މިސްކިތް ރަސްމީކޮށް ހުޅުވާނެ ދުވަހެއް ސައުދީއަރަބިއްޔާއިން އަދިވެސް ނުދޭކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވިދާޅުވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުންނަށް ސުވާލު ކުރުމަށް ލިބުނު ފުރުސަތުގައި ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު ޝަފީގް ވަނީ ކިންގް ސަލްމާން މިސްކިތް ރަސްމީކޮށް ނުހުޅުވި ލަސްވާ ސަބަބާ ގުޅޭގޮތުން ސުވާލު ކޮށްފައެވެ. އަދި މިސްކިތް ރަސްމީކޮށް ހުޅުވޭނެ ދުވަހަކާ ގުޅޭގޮތުން ސުވާލު ކޮށްފައިވެއެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ޒާހިރު ވިދާޅުވީ މިސްކިތް ހުޅުވުމާ ގުޅޭގޮތުން ކޮވިޑް އައުމުގެ ކުރިން ފޮރިން މިނސިްޓްރީއާއި ރައީސް އޮފީސް އަދި އިސްލާމިކް މިނިސްޓްރީ ގުޅިގެން މަޝްވަރާ ކުރެވުނު ކަމަށެވެ. އޭގެފަހުން ސައުދީގެ އިސްލާމިކް މިނިސްޓްރީގެ ބޭފުޅުންވެސް ރާއްޖެ އައިސް ހުޅުވުމާ ގުޅޭގޮތުން މަޝްވަރާކޮށް ބޮޑެތި ތައްޔާރީތައް ވެފައި އޮތް ކަމަށެވެ.
އޭގެފަހުން ސަލްމާން މިސްކިތް ހުޅުވާނެ ދުވަހެއް ކަނޑައެޅުއްވުމަށްފަހު ރާއްޖެއަށް އަންގާނެ ކަމަށް ސައުދީގެ އިސްލާމިކް މިނިސްޓްރީ ބުނެފައިވާކަމަށާއި އަދި އޭގެފަހުންވެސް ތާރީހެއް ލިބޭތޯ ރާއްޖެއިން މަސައްކަތް ކުރިކަމަށް މިނިސްޓަރު ޒާހިރު ވިދާޅުވިއެވެ.
"އޭގެފަހުންވެސް އަޅުގަނޑުމެން މަސައްކަތް ކުރިން، އެކަމަކު އަދި އެއްވެސް ތާރީހެއް ނުލިބޭ، ކޮންއިރަކު ކަމެއް ހުޅުވޭނީ." މިނިސްޓަރު ޒާހިރު ވިދާޅުވިއެވެ.
ގާތްގަނޑަކަށް 370 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހަދާފައިވާ ފަސްބުރީގެ ސަލްމާން މިސްކިތް ރަސްމީކޮށް ނުހުޅުވި ގިނަދުވަސްތަކެއް ވެފައިވާއިރު، ސަލްމާން މިސްކިތް ހުޅުވުމުގެ މަޝްވަރާތަކަށް ސައުދީގެ ވަފުދު ރާއްޖެ އައިސްފައިވަނީ 2021 އޮގަސްޓް 21 ވަނަ ދުވަހުއެވެ.
ކިންގް ސަލްމާން މިސްކިތަކީ ރައީސް ޔާމީނުގެ ވެރިކަމުގައި ސައުދި އަރަބިޔާގެ ހިލޭ އެހީގައި އަޅާފައިވާ މިސްކިތެކެވެ. މި މިސްކިތުގައި އެއްފަހަރާ 6000 މީހުންނަށް ނަމާދުކުރެވޭނެ ޖާގަ ހުރެއެވެ.