ވައިގެ މަގުން ރާއްޖެއަށް ޑްރަގް އެތެރެކުރާ ބިދޭސީން ފުރުވާލާތީ ހުށަހެޅި ކުއްލި މައްސަލަ ބަލައިނުގަނެ ބޭރުކުރަން އެމްޑީޕީ ޕާލިމެންޓަރީ ގްރޫޕުން ވިޕް ނެރުމުން އެ ކުއްލި މައްސަލަ ހުށަހެޅުއްވި އެމްޑީޕީގެ މެންބަރު ހަސަން ލަތީފް ކަންބޮޑުވުން ފާޅުކޮށްފިއެވެ.
ވައިގެ މަގުން ރާއްޖެ އަންނަ ބިދޭސީން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭ ކަމަށް ޝައްކުކުރެވޭ ހާލަތްތަކުގައި އެ ފަރާތަކާމެދު އަމަލުކުރާނެ ގޮތުގެ ގަވާއިދާއި މަސްތުވާތަކެއްޗާ ބެހޭ ގާނޫނާ ތައާރުޒުވާ ބައިތައް އުނިކުރުމަށް ސަރުކާރަށް ގޮވާލާ ހުށަހެޅި ކުއްލި މައްސަލަ ބަލައިގަންނަން ފެންނަ ކަމަށް 24 މެންބަރުން ވޯޓު ދެއްވިއިރު މި ކުއްލި މައްސަލަ ބަލައިގަތުމާ ދެކޮޅަށް 16 މެންބަރުން ވޯޓު ދީފައިވެއެވެ.
މި ކުއްލި މައްސަލައަށް ވާހަކަދައްކަވަމުން ހަސަން ލަތީފް ވިދާޅުވީ މި ކުއްލި މައްސަލަ ބޭރުކުރުމަށް އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުން ވިޕްލައިނެއް ނެރެފައިވާ ކަމަށެވެ. އެހެންނަމަވެސް މިކަމަށް ބަހުސްކޮށް މިކަމަށް ހައްލު ހޯދުމަށް ބޭނުންވާ ގިނަ މެންބަރުން މަޖިލީހުގައި ތިބުމުން އެ މައްސަލަ ބަލައިގަނެ ބަހުސް ކުރިއަށްގެންދެވޭތީ ހަސަން ވަނީ އެ މެންބަރުންނަށް ޝުކުރު ދަންނަވާފައެވެ.
ހަސަން ވިދާޅުވީ މި ގަވައިދު މިހާރު އޮތްގޮތުން ސަރުކާރުގެ ބޮލުގައި ވަރަށް ބޮޑު ތުހުމަތެއް އެޅޭކަމަށާއި، ޑްރަގް އެތެރެކުރާ ބިދޭސީން މިހާރު ފޮނުވާލަނީ އެމީހުންނާ އެކަމާ ގުޅޭގޮތުން އެއްވެސް ސުވާލެއް ކުރުމަކާ ނުލާ ކަމަށެވެ.
ހަސަން ހުށަހެޅި ކުއްލި މައްސަލައިގައި ބުނެފައިވަނީ އެމްޑީޕީގެ މައިގަނޑު ސިޔާސަތުތަކުގެ ތެރޭގައި، މަސްތުވާ ތަކެއްޗަށް ހުޅުވި ދޮރުތައް ބަންދު ކުރުން ހިމެނޭ ކަމަށެވެ. އެގޮތުން 2008، 2013 އަދި 2018 ވަނަ އަހަރު ވެސް އެމްޑީޕީ އިން އެކުލަވާލި މެނިފެސްޓޯތަކުގައި ސާފުކޮށް ބަޔާންކުރާ އެއް ކަމަކީ ޒުވާން ޖީލު މަސްތުވާތަކެތީގެ ޝިކާރައަށްވެ އެ ޖީލު ހަލާކުވެ ނެތި ދިޔުމުން ސަލާމަތްކުރުން ކަމަށެވެ.
މީގެއިތުރުން ކުއްލި މައްސަލައިގައި ބުނެފައިވަނި ވައިގެ މަގުން ރާއްޖެ އަންނަ ބިދޭސީއީން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭ ކަމަށް ޝައްކުކުރެވޭ ހާލަތްތަކުގައި އެ ފަރާތަކާމެދު އަމަލުކުރާނެ ގޮތުގެ ގަވާއިދު މިހާރު އޮތްގޮތުން ރާއްޖެއަށް ފަސޭހަކަމާއެކު މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށެވެ. އަދި ޓްރެފިކަރުންނަށް އަދބެއް ލިބިދާނެކަމުގެ އެއްވެސް ބިރެެއް ނެތި އެ ވިޔަފާރި ކުރުމަށް މަގުފަހި ވެފައިވާ ކަމަށެވެ. މިކަމުގެ ސަބަބުން މަސްތުވާތަކެތީގެ ވިޔަފާރިކުރާ ބޮޑެތި ނެޓްވަރކްތަކުން ރާއްޖެއަކީ އެވިޔަތާރީގެ މަންޒަލަކަށް ހަދައި، ދައުލަތާއި ރައްޔިތުން ނުރައްކަލުގެ ތެރެއަށް ވައްޓާލުމުގެ ފުރުސަތު ހުޅުވިގެންދާނެ ކަމަށެވެ.
ކުއްލި މައްސަލައިގައި ވަނީ ގާނޫނުން ކުށާއި އަދަބު ކަނޑައަޅައިފައިވާ ކަމެއް ނަފީވާ ގޮތަށް ގަވާއިދެއް ހަދައި އެ ގަވާއިދު ތަންފީޒު ކުރުމަކީ ގާނޫނީ ގޮތުން ކުރެވޭނޭ ކަމެއް ނޫން ކަމަށެވެ. އަދި ވައިގެ މަގުން ރާއްޖެ އަންނަ ބިދޭސީއަކު ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭ ކަމަށް ޝައްކުކުރެވޭ ހާލަތްތަކުގައި އެ ފަރާތަކާމެދު އަމަލުކުރާނެ ގޮތުގެ ގަވާއިދު ގައިވާ މަސްތުވާތަކެއްޗާ ބެހޭ ގާނޫނު އާ ތައާރުޒުވާ ބައިތައް އުނިކުރަން ގޮވާލާފައިވެއެވެ.